ސިފައިންނަށް ބޭނުންވާ ހަތިޔާރާއި، އާލާތްތަކުގެ ބޮޑު އަދަދެއް އަންނަ އަހަރުތެރޭގައި ހޯދައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި، ސިފައިންގެ ވަރުގަދަކުރުމަށް ނުހަނު ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށާއި، މި ޒަމާނަށް ފެތޭ ގޮތަށް އަދި ކުރިއަށް އޮތް ދުވަސްތަކަށް މުހިންމު ފެންވަރަކަށް ވަރުގަދަކުރަން ޖެހިފައިވާ ކަމަށެވެ.
އެކަން ފާހަގަކުރައްވައި ރައީސް ވަނީ ސިފައިންގެ ވަރުގަދަކޮށް، ސިފައިންގޭގެ ޚިދުމަތްތައް ފުޅާކުރުމަށް އެމަނިކުފާނު ގެންގުޅުއްވާ ތަސައްވުރުތައް ހިއްސާކުރައްވާފައެވެ.
އަޅުގަނޑު ދަންނަވާލަން ބޭނުން، ސިފައިންގޭގެ އެއްގަމުގެ ބާރަށްވެސް ވަރަށް މުހިންމު ކަންތައްތަކެއް އަޅުގަނޑުމެން ކޮށްދޭން ނިންމައި ފަށާފައި ވާނީ. ހަތިޔާރު ހޯދައި، އެކިއެކި އާލާތްތައް ހޯދަންޖެހޭ. މިހާރުވެސް އެކުވެރި ބައެއް ދައުލަތްތަކާ އެކީގައި ވަނީ މަސައްކަތްތަކެއް ފެށިފައި. އެގޮތުން ލިބޭ ހިލޭ އެހީ ލިބިގެންދާނެ.
އޭގެއިތުރުން ވެސް، ހަތިޔާރާއި އާލާތްތައް ގަތުމަށްޓަކައި މިހާރު ހުށަހެޅިފައި އޮތް ބަޖެޓުގެ ތެރެއިން ވަކި އަދަދެއް ކަނޑައަޅާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ މި އަންނަ އަހަރުގެ ތެރޭގައި، ސިފައިންގެ ޚިދުމަތަށް ބޭނުންވާ ހަތިޔާރާއި އާލާތްތަކުގެ ބޮޑު އަދަދެއް ހޯދައިދެވޭނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

