“ރައްޔިތުންގެ ސައްލާ ފޯރަމް” ގެ ނަމުގައި ސިލްސިލާ ފޯރަމްތަކެއް ފަށަން ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ނިންމައިފިއެވެ.
ޕީއެންސީއިން މިއަދު ސޯޝަލްމީޑިއާގައި ހިއްސާކުރި މެސެޖެއްގައި ބުނީ މި ސިލްސިލާގެ ފުރަތަމަ ފޯރަމް އޮންނާނީ މިރޭ 21:00 ގައި އެ ޕާޓީގެ ހަރުގޭގައި ކަމަށެވެ.
ޕީއެންސީއިން ބުނި ގޮތުގައި މިރޭގެ ފޯރަމްގެ މައުޟޫއުއަކީ ”ގެދޮރުވެރިކަމުގެ ބަޖެޓު 2025” އެވެ.
މިރޭގެ ފޯރަމްގެ ބައިވެރިންނަކީ ޕީއެންސީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢުއާއި، ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީ ފޯ ލީގަލް އެފެއާޒް މުޙައްމަދު ފިރުޒުލްއާއި، މިނިސްޓްރީ އޮފް ފިނޭންސްގެ ނައިބު ވަޒީރު އަޙްމަދު ސާއިދު މުޞްޠަފާއެވެ.
މި ފޯރަމްގައި ބައިވެރިވާ އާންމު ރައްޔިތުންނަށް ޕެނަލުގެ ބައިވެރިންނާ ސުވާލުކުރުމުގެ ފުރުސަތު އޮންނާނެއެވެ.

