މާލޭގެ މަޖީދީ މަގުގައި ހުންނަ ޒިއޯން މޯބައިލްސް ފިހާރައެއް ފަޅާލައި، ވައްކަންކުރި މައްސަލާގައި 47 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކުރެވުނު ފަރާތަކީ ހއ. މާރަންދޫ / ފިނިރޯޅި، އަޙްމަދު ނިޔާޒް (47 އަހަރު) ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.
“ޒިއޯން މޯބައިލްސް 4” ނަމަކަށް ކިޔާ ފިހާރައިގެ ބިއްލޫރިގަނޑު ތަޅާލައި، އެ ފިހާރައިން ވައްކަން ކުރި މައްސަލައެއް ފުލުހުންނަށް ރިޕޯޓުކުރެވުނީ މިއަދު ފަތިހު 5:35 ހާއިރުއެވެ. މި މައްސަލަ ރިޕޯޓުކުރެވުމާ ގުޅިގެން ފުލުހުން ވަނީ ވަގުތުން ތަޙުޤީޤު ފަށައި، ޝައްކުކުރެވޭ ފަރާތް ހޯދައި ހައްޔަރުކޮށްފައެވެ.
ހައްޔަރުކުރެވުނު ފަރާތް ގެންގުޅުނު ދަބަހެއް ބަލައި ފާސްކުރުމުން، އެ ފިހާރައިން ވަގަށް ނެގިކަމަށް ބެލެވޭ 9 މޯބައިލް ފޯނު ފެނިފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ. މިހާރު ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަޙުޤީޤުކުރަމުންނެވެ.
މާލެ ސަރަހައްދުގައި ފަހަކަށް އައިސް ވައްކަމުގެ މައްސަލަތައް އަންނަނީ އިތުރުވަމުންނެވެ. ފިހާރަތައް ފަޅާލުން ފަދަ ބޮޑެތި ވައްކަންތައް ގިނަވުމަކީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަން ގެއްލޭފަދަ ކަންކަމެވެ. އެހެންކަމުން މިފަދަ ކަންކަމުން ރައްކާތެރިވެ ތިބުމަކީ ކޮންމެ މީހެއްގެވެސް ފަރުދީ ޒިންމާއެއްކަމުގައި ވިސްނައިގެން ރައްކާތެރިވެ ތިބުން ރަނގަޅެވެ. އަދި މިފަދަ ކަންކަމުން މުޖުތަމައު ސަލާމަތް ކުރުމަށް ތިމާއަށް ކުރެވުނު ކޮންމެ ކަމެއް ކުރުންވެސް ލާޒިމުވެގެންވެއެވެ.
{ރޭގެ މިހާދިސާގައިވެސް، ވީޑިޔޯ ފުޓޭޖުން ފިހާރައިގެ ބިއްލޫރިގަނޑު ފަޅާލާފައި އެމީހާ އެތެރެއަށް ވަންނަ މަންޒަރު އެވަގުތު ޒިއޯން މޯބައިލްސް ކައިރިން އަޅާފައި މަޖީދީމަގު ހުރަސްކުރާ ދެބައިއުމުރުގެ މީހަކަށް ފެނެއެވެ. އެމީހާ ފަޅިސިކުންތަކަށް ހުއްޓިފައި ބަލާލާވެސްމެއެވެ. އެސިކުންތުގައި އެކަމަށް ފިޔަވަޅެއް އެޅުމަކީ މިފަދަ ކަންކަން ހުއްޓުވުމަށް ތިމާގެ ފަރުދީ ޒިންމާ އަދާކުރުން ކަމަށް ގަބޫލު ކުރިނަމަހީ އެމީހާއަށް އެތަނުން އެއްވެސް އެއްޗެއް ހިފައިގެން ނުކުތުމުގެ ކުރިން ހައްޔަރުވެސް ކުރެވުނީހެވެ. ފެންނަ މަންޒަރު ނުފެންނަ މަންޒަރުކަމަށް ހަދައިގެން ނަފުސީނަފުސީ ކިޔުމަކީ މުއުމިނުންގެ ސިފައަކަށް ނުވެއެވެ.}

