ރާއްޖޭގައި ސިޔާސީ ޕާޓީތައް ވުޖޫދުވާން ފެށިތާ މިއަދާ ހަމައަށް 19 ވަރަކަށް އަހަރުވެފައިވާއިރު، ސިޔާސީ ޕާޓީތަކުގެ ސަބަބުން އަޅުގަނޑުމެންނަށް ލިބެނީ ގެއްލުންތޯ ނުވަތަ ފައިދާތޯ ސުވާލުކުރަން ޖެހޭ ކަމަށް ކަމަށް ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ވިދާޅުވެއްޖެއެވެ.
މިއަދު ރައްޔިތުންގެ މަޖިލީހުގައި ކުރިއަށްދިޔަ ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ބަހުސްގައި ވާހަކަފުޅު ދައްކަވަމުން އެމްޕީ ސައުދުﷲ ވިދާޅުވީ، ކުރީގެ ރައީސް މައުމޫނުގެ ސަރުކާރުން ސިޔާސީ ޕާޓީތައް އުފެއްދުމަށް ނިންމި ނިންމުމުގެ ސަބަބުން ގައުމަށް ވަމުންދަނީ ފައިދާތޯ މެދު ގިނަ ފަރާތްތަކުން މިހާރު ސުވާލު އުފައްދަމުންދާ ކަމަށެވެ.
“ފުރަތަމަ ސިޔާސީ ޕާޓީ ހަދަން ވެގެން ސޮއި ކުރެއްވި ބޭފުޅުން އަޅުގަނޑަށް ޔަގީން، ބައެއް ބޭފުޅުން އެކަމާ ދެރަވާނެކަން އެކަން ކުރަން އުޅެވުނީތީވެ. އޭރު ބަންޑާރަ ނައިބަކަށް ހުންނެވި ބޭފުޅާއަށް ދެފޮޅުވަތް ދޭތެރެއިން އެ ފެނުނު ލަފައެއްގެ ތެރެއިން އަޅުގަނޑުމެންނަށް ސިޔާސީ ޕާޓީ ވުޖޫދުވީ،” މެންބަރު ސައުދުﷲ،
އެމަނިކުފާނު އިތުރަށް ވިދާޅުވީ، ރާއްޖޭގައި ހަރަކާތްތެރިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން ފެންނަމުންދަނީ ތަހުޒީބުވެފައިވާ ގައުމުތަކުގެ ސިޔާސީ ޕާޓީތަކުން ފެންނަ ފަދަ މަންޒަރުތަކެއް ނޫން ކަމަށެވެ. އަދި އެއިރެއްގައި އޮންނަ ސަރުކާރަކުން ރާއްޖެއާ ދޭތެރޭ ކިތައްމެ ރަނގަޅަށް ކަންކަން ކުރިނަމަވެސް، ފެންނަމުން ދަނީ އެކަމާ ދެކޮޅަށް ސިޔާސީ ޕާޓީތަކުން އަޑު އުފުލާތަން ކަމަށް ފާހަގަ ކުރެއްވިއެވެ.
ސައުދުﷲ ވިދާޅުވީ، ކޮންމެ ކަމަކީވެސް ގައުމާއި ރައްޔިތުންގެ މަންފާއަށް ކުރާ ކަމެއް ކަމުގައިވަނީނަމަ ރައްޔިތުން އެކަމަށް ތާއީދު ކުރައްވާނެ ކަމަށާއި، ޕާޓީތަކާ މެދު ރައްޔިތުން ދެކޭގޮތް ބަދަލުކުރުމުގެ ބާރު އޮތީ ޕާޓީތަކުގެ އިސްވެރިންގެ އަތްމަތީގައި ކަމަށެވެ.

