މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީއިން މ. މުލީގައި “މަގޭ ސާފު ރާއްޖެ ކޮމިއުނިޓީ ޗެމްޕިއަންސް ފޮރ ސަސްޓެއިނަބަލް ވޭސްޓް އެންޑް ރިސޯސް މެނޭޖްމަންޓް” ގެ ނަމުގައި ތިން ދުވަހުގެ ޕްރޮގްރާމެއް ފަށައިފިއެވެ.
ނޮވެމްބަރު 4 އިން 6 އަށް ކުރިއަށްދާ މި ޕްރޮގްރާމުގައި މ. މުލީ އަދި މުލަކުގެ ކޮމިއުނިޓީ ލީޑަރުން ބައިވެރިވެ، ކުނި އެއްކުރުމާއި، ޕްރޮސެސްކުރުމާއި، ޑޭޓާ އެއްކުރުމާއި، އޮޕަރޭޝަނަލް ޕްރޮސީޖަރތަކާއި، އަދި ގޮނޑުދޮށް ސާފުކުރުމުގެ ހަރަކާތެއްގައި ބައިވެރިވެ ތަމްރީނު ހޯދާނެއެވެ. މި ޕްރޮގްރާމް ފެސިލިޓޭޓްކުރަނީ ވޭސްޓް މެނޭޖްމަންޓް ޑިޕާޓްމަންޓް، މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓް (އެމްސީއީޕީ)، އަދި ގްރޭޓަރ މާލެ އެންވަޔަރަންމަންޓަލް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓްގެ ޓެކްނިކަލް މުވައްޒަފުންނެވެ.
ވޯލްޑް ބޭންކުގެ އެހީގައި ހިންގާ އެމްސީއީޕީ ޕްރޮޖެކްޓްގެ ދަށުން، މުލި އަދި މުލަކަކީ އިތުރު 17 ރަށާއެކު އައު ކުނި މެނޭޖްކުރާ މަރުކަޒުތަކާއި އިކުއިޕްމަންޓް ލިބޭ ރަށްތަކެވެ. މިއީ ޒޯން 4 އަދި 5 ގައި ދެމެހެއްޓެނިވި ކުނި އަދި ވަސީލަތްތައް މެނޭޖްކުރުމުގެ މަސައްކަތް ހަރުދަނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.
މި ޕްރޮގްރާމަކީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް، ކުނި މެނޭޖްކުރުމުގެ ނިޒާމު ހަރުދަނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ. އަދި މިފަދަ ޕްރޮގްރާމްތަކުން ރަށްރަށުގެ ކޮމިއުނިޓީތަކަށް ބޭނުންވާ ހުނަރާއި މަޢުލޫމާތު ލިބި، ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖްކުރުމަށް މަގުފަހިވެގެންދާނެކަމަށް ބެލެވެއެވެ.

