ރައްޔިތުންނަށް ކުޑަ އިންޓްރެސްޓް ރޭޓެއްގައި ގެދޮރު އަޅަން އެހީތެރިވެދޭ “ހިޔާވެހި ފައިނޭންސް ސްކީމް” އަށް ހާއްސަކޮށް ކޮންމެ އަހަރެއްގެ ބަޖެޓުގައި ވެސް އެއް ބިލިއަން ރުފިޔާ ކަނޑައަޅަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
“ހިޔާވެހި ފައިނޭންސް ސްކީމް” ތައާރަފް ކުރުމަށް އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ މި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނީ ރައްޔިތުންގެ ފަޅީގައި ތިބެ، ރައްޔިތުންނަށް އެންމެ މުހިންމުވާ ކަންކަމަށް އިސްކަން ދީގެން ކަމަށެވެ.
ރައީސް ޑރ. މުއިއްޒު ވިދާޅުވީ “ހިޔާވަހި ފައިނޭންސް ސްކީމް” ގެ ދަށުން މީހެއްގެ ގޯތި، ބިން ނޫނީ އިމާރާތް ވިޔަސް، އެ ތަނަކީ އުޅެވޭ ވަރުގެ ހިޔާވައްސަކަށް ހެދުމަށް މި ލޯން އެހީގެ ބޭނުން ހިފޭނެ ކަމަށެވެ. އަދި މި އެހީ ފޯރުކޮށްދެނީ އަމިއްލަ ގެދޮރުވެރިކަން ގާއިމު ކުރުމަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
“މިއީ މިއަދު ފަށާފައި މި އަންނަ އަހަރު ހުއްޓާލާ ސްކީމެއް ނޫން. މިއީ ދާއިމަށް އިރާދަކުރެއްވިއްޔާ ކޮންމެ އަހަރަކު ވެސް ކުރިއަށްދާނެ މަޝްރޫއެއް. މި އަހަރު ފާސް ކުރަން ހުށަހަޅާފައި އޮތް 2025 ގެ ބަޖެޓުގައި މި ސްކީމް ކުރިއަށް ގެންދިއުމަށް އެއް ބިލިއަން ރުފިޔާ ސަރުކާރުގެ ބަޖެޓުން ކަނޑައަޅާފައި ވާނެ،” ރައީސް ވިދާޅުވިއެވެ.
މި ސްކީމްގެ ދަށުން ލޯނު ދޫކުރުމަށް ހަމަޖެހިފައި ވަނީ އެޗްޑީއެފްސީ އާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) މެދުވެރިކޮށެވެ. އަދި މި ސްކީމްގެ ދަށުން ދޫކުރާ ލޯނުތަކުގެ އިންޓްރެސްޓް ރޭޓް ހުންނާނީ 5% އަށް ވުރެ ބޮޑު ނުވާ ގޮތަށެވެ.
“ހިޔާވަހި ފައިނޭންސް ސްކީމް” ގައި ތިން ކެޓަގަރީއެއް ހިމެނޭއިރު، ހުރިހާ ރަށެއް ހިމެނޭ ގޮތަށް އެއް މިލިއަން ރުފިޔާގެ ލޯން ސްކީމަކާއި މާލެ ސަރަހައްދަށް ހަ މިލިއަން ރުފިޔާ އަދި އާބަން ސަރަހައްދުތަކަށް ތިން މިލިއަން ރުފިޔާގެ ލޯން މި ސްކީމްގެ ދަށުން ކަނޑައަޅާފައިވެއެވެ.
ރައީސް ވިދާޅުވި ގޮތުގައި މި އަންނަ އަހަރުގެ ތެރޭގައި މި ހުރިހާ ލޯނެއް ނަގަން ފުރުސަތު ލިބިގެންދާނެއެވެ. އަދި ކޮންމެ އަހަރަކު ވެސް މި ސްކީމްގެ ދަށުން އެއް ބިލިއަން ރުފިޔާ ކަނޑައަޅާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ޑރ. މުއިއްޒު ވިދާޅުވީ މި ސްކީމްގެ ސަބަބުން ގޯތި އޮވެ ގެ ނޭޅި ތިބި މީހުންނަށް ގެ އަޅައި ނިންމުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އަދި ގެ އަޅަން ފަށައި ނުނިމި ހުރި މީހުންނަށް ވެސް ގެ ނިންމާލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
“އޭގެ ސަބަބުން އެމީހާގެ ގޯތި އޮވެ، ގެ ނޭޅޭ މީހުންނަށް ގެ އަޅާ ނިންމޭނެ ފުރުސަތު ލިބިގެންދޭ. ގެ އަޅަން ފަށާފައި ކޮންމެވެސް ސަބަބަކާ ހުރެ ނުނިންމި ހުރި މީހާއަށް ގެ ނިންމާލުމުގެ ފުރުސަތު އެބަ ލިބޭ. އަދި ގެ ބަހާފައި އޮތުމުގެ ސަބަބުން ބެހެނިވެރިންނާ އެކުގައި އެއްކޮށްލައިގެން ގެ އެޅުމަށް މާލޭގައި ވިއްޔާ ހަ މިލިއަނުން ގޮސް 10 މިލިއަނާ ހަމައއަނާ ހަމައަށް ބެހެނިވެރިން އެކުގައި ގެ ނިންމާލުމުގެ ފުރުސަތު އެބަ ލިބޭ،” ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުން، އިމާރާތްކޮށްފައި ހުރި ގެތަކުގެ ތެރެއިން މަރާމާތު ކުރަން ޖެހޭ ގެތަކަށް ވެސް ލޯނު ލިބުމުގެ ފުރުސަތު އޮތް ކަން ރައީސް ފާހަގަ ކުރެއްވިއެވެ.
ރައީސް ޑރ. މުއިއްޒު ވިދާޅުވި ގޮތުގައި، މި ސްކީމަކީ ރައްޔިތުންނަށް މިހާރު އެންމެ ބޮޑަށް ދަތިވެފައި އޮތް ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. އަދި މިއީ އެމަނިކުފާނުގެ ރިޔާސީ ވައުދެއް ފުއްދުމުގެ ގޮތުން ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

