ސަރުކާރުން މިއަދު އިފްތިތާހު ކުރި ހިޔާވެހި ސްކީމަކީ މިހާތަނަށް ހުޅުވާލި ގެދޮރުވެރިކަމުގެ އެންމެ ސަޅި ސްކީމްކަމާމެދު އެއްވެސް ޝައްކެއް ނެތެވެ. މި ސްކީމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ތަޢާރަފްކުރި ލޯނު ސްކީމެކެވެ.
ބޯހިޔާވަހިކަމަކީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީން ކޮންމެ ރައްޔިތަކަށްވެސް ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްގެކެވެ. އެހެންކަމުން ރައްޔިތުންނަށް އެކަށޭނަ ރަނގަޅު ފެންވަރުގެ ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަކީ ރައީސް މުޢިއްޒުގެ އެންމެ މުހިންމު އެއް ސިޔާސަތެވެ.
މި ސްކީމްގެ ދަށުން 5 އިންސައްތަ އިންޓްރެސްޓްގައި ލޯނު ދޫކުރެވޭނެއެވެ. މިއީ ސަރުކާރުން މިހާތަނަށް ރާއްޖޭގެ ހުރިހާ ސަރަޙައްދެއް ހިމެނޭގޮތަށް ކުރިއަށް ގެންދާ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު ލޯނު ޕްރޮގްރާމެވެ.
މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ)، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަދި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) މެދުވެރިކޮށެވެ. މި ސްކީމްގެ ދަށުން ތިން ބާވަތެއްގެ ލޯނު ދޫކުރެވޭނެއެވެ.
“ހިޔާވަހި ރަށްވެހި” ސްކީމްގެ ދަށުން އަތޮޅުތަކުގެ ރަށްރަށުގައި ގެދޮރު އިމާރާތްކުރުމަށް 1 މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރެވޭނެއެވެ. “ހިޔާވަހި ސަހަރު” ސްކީމްގެ ދަށުން އާބާދީ ބޮޑެތި އާބަން ސެންޓަރުތަކުގައި ގެދޮރު އިމާރާތްކުރުމަށް 3 މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރެވޭނެއެވެ. އަދި “ހިޔާވަހި ފުރަ މާލެ” ސްކީމްގެ ދަށުން ގްރޭޓަރ މާލެ ސަރަޙައްދުގައި ގެދޮރު އިމާރާތްކުރުމަށް 6 މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރެވޭނެއެވެ.
މި ސްކީމްގެ ދަށުން 600 އަކަފޫޓަށް ވުރެ ކުދި ބިންތައް އެއްކޮށްލައިގެން ގެ ހަދަން ވެސް ލޯނު ދޫކުރާނެއެވެ. މިގޮތުން ޖުމްލަ 10 މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރެވޭނެއެވެ.
ސަރުކާރުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މި ޕްރޮގްރާމްގެ މަޤްޞަދަކީ މާލީ ދަތިކަމުގެ ސަބަބުން ގެދޮރު އިމާރާތްކުރަން ނުފެށިފައިވާ ނުވަތަ ފަށައިގެން ނުނިމި ހުރި ފަރާތްތަކަށް އެހީތެރިވުމެވެ.
މި ސްކީމަކީ ރާއްޖޭގައި ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަން ޔަގީނެވެ. ޚާއްޞަކޮށް މާލޭގެ ތޮއްޖެހުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް މި ސްކީމުން އެހީތެރިވެދޭނެ ކަމަށް އުންމީދުކުރެވެއެވެ.
މި ލޯނަށް ކުރިމަތިލާން ޖެހެނީ ހިޔާވަހި ޕޯޓަލް މެދުވެރިކޮށެވެ.
މާދަމާއިން ފެށިގެން ލޯނަށް އެދި ހުށަހެޅޭނެ އެވެ.

