“ގައުމީ ކުޅިވަރު ފަންޑު” ގެ ނަމުގައި އައު ފަންޑެއް ގާއިމުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
މި ނިންމެވުން ނިންމަވާފައިވަނީ 4 ނޮވެމްބަރ 2024 ވަނަ ދުވަހު ބޭއްވުނު ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ކުރެވުނު މަޝްވަރާތަކަށްފަހު، އެ މަޖިލީހުގެ ލަފާފުޅާ އެކުގައެވެ.
ރައީސް އޮފީހުން ހާމަކުރި މައުލޫމާތުގައިވާ ގޮތުން، މި ފަންޑު ގާއިމުކުރުމަށް ނިންމެވުމުގެ މައިގަނޑު މަގުސަދަކީ ދިވެހި ކުޅުންތެރިންނާއި އެތުލީޓުން އިތުރުކޮށް، ކުޅިވަރު ކުރިއަރުވައި ތަރައްގީ ކުރުމާއި، ދިވެހި ކުޅިވަރު ޖަމާޢަތް ނުވަތަ ކުޅިވަރު ޢާއިލާ ބާރުވެރިކުރުވުމެވެ. މި ނިންމެވުމަކީ މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން ޢަބްދުﷲ ރާފިޢު ހުށަހެޅުއްވި ހުށަހެޅުއްވުމެއްގެ މައްޗަށް ބިނާކޮށް ނިންމެވި ނިންމެވުމެކެވެ.
ގައުމީ ކުޅިވަރު ފަންޑު ގާއިމުކުރުމާ ގުޅިގެން ދިވެހިރާއްޖޭގެ ކުޅިވަރު ގާނޫނަށް [ގާނޫނު ނަންބަރު 30/2015 (ދިވެހިރާއްޖޭގެ ކުޅިވަރު ގާނޫނު)] ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްޓަކައި ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމަށްވެސް ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ވަނީ ނިންމާފައެވެ.

