މާލޭގެ މަޖީދީމަގުގައި ހުންނަ ޒިއޯން މޮބައިލްސްގެ 4 ފިހާރަ ފަޅާލައި، ފައިސާއާއި ފޯނުތަކެއް ވަގަށް ނެގި މައްސަލައިގައި ހައްޔަރުކޮށްފައިވާ އަހުމަދު ނިޔާޒު، 20 ދުވަހަށް ބަންދުކުރުމަށް މިއަދު ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރުކުރެވުނީ ހއ. މާރަންދޫ / ފިނިރޯޅި، އަހުމަދު ނިޔާޒު (47 އަހަރު) އެވެ. ނިޔާޒް ހައްޔަރު ކޮށްފައި ވަނީ އިއްޔެއެވެ. އޭނާ ހައްޔަރުކޮށް، އޭނާ ގެންގުޅުނު ދަބަހެއް ބަލައި ފާސްކުރިއިރު، ޒިއޯން މޮބައިލްސްއިން ވަގަށް ނެގި ކަމަށް ބެލެވޭ 9 މޮބައިލް ފޯނު ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
“ޒިއޯން މޯބައިލްސް 4” ނަމަކަށް ކިޔާ ފިހާރައިގެ ބިއްލޫރިގަނޑު ތަޅާލައި، އެ ފިހާރައިން 1،000 ރުފިޔާއާއި ފޯނުތަކެއް ވަގަށް ނަގާފައިވާ މައްސަލަ ފުލުހުންނަށް ރިޕޯޓުކުރެވުނީ އިއްޔެ ފަތިހު 5:35 ހާއިރުއެވެ. މި މައްސަލަ ރިޕޯޓުކުރެވުމާ ގުޅިގެން ފުލުހުން ވަނީ ވަގުތުން ތަހުގީގު ފަށައި، ޝައްކުކުރެވޭ ފަރާތް ހޯދައި ހައްޔަރުކޮށްފައެވެ.
މި މައްސަލައިގައި ހައްޔަރުކުރެވުނު ނިޔާޒްގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، އޭނާ 20 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ މަޢުލޫމާތު ދީފައެވެ.
ޒިއޯން މޮބައިލްސްއަކީ ރާއްޖެއަށް އެންމެ ފުރަތަމަ ކޮމްޕިއުޓަރ ފަދަ ރޮބަޓުފަދަ ޒަމާނީ ޓެކްނޮލޮޖީ ތަޢާރަފުކުރި، އަދި ޓެކްނޮލޮޖީގެ ކަންކަން ރާއްޖެއަށް ގެނައުމަށް ނުހަނު ޝައުގާއެކު މަސައްކަތްކުރައްވާ ވިޔަފާރިވެރިޔާ ރަފީޢުއްދީނުގެ ފިހާރައެކެވެ.
މާލެ ސަރަހައްދުގައި ފަހަކަށް އައިސް ވައްކަމުގެ މައްސަލަތައް އަންނަނީ އިތުރުވަމުންނެވެ. ފިހާރަތައް ފަޅާލުން ފަދަ ބޮޑެތި ވައްކަންތައް ގިނަވުމަކީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަން ގެއްލޭފަދަ ކަންކަމެވެ. އެހެންކަމުން މިފަދަ ކަންކަމުން ރައްކާތެރިވެ ތިބުމަކީ ކޮންމެ މީހެއްގެވެސް ފަރުދީ ޒިންމާއެއްކަމުގައި ވިސްނައިގެން ރައްކާތެރިވެ ތިބުން ރަނގަޅެވެ. އަދި މިފަދަ ކަންކަމުން މުޖުތަމައު ސަލާމަތް ކުރުމަށް ތިމާއަށް ކުރެވުނު ކޮންމެ ކަމެއް ކުރުންވެސް ލާޒިމުވެގެންވެއެވެ.
{ކުރީ ރޭގެ މިހާދިސާގައިވެސް، ވީޑިޔޯ ފުޓޭޖުން ފިހާރައިގެ ބިއްލޫރިގަނޑު ފަޅާލާފައި އެމީހާ އެތެރެއަށް ވަންނަ މަންޒަރު އެވަގުތު ޒިއޯން މޯބައިލްސް ކައިރިން އަޅާފައި މަޖީދީމަގު ހުރަސްކުރާ ދެބައިއުމުރުގެ މީހަކަށް ފެނެއެވެ. އެމީހާ ފަޅިސިކުންތަކަށް ހުއްޓިފައި ބަލާލާވެސްމެއެވެ. އެސިކުންތުގައި އެކަމަށް ފިޔަވަޅެއް އެޅުމަކީ މިފަދަ ކަންކަން ހުއްޓުވުމަށް ތިމާގެ ފަރުދީ ޒިންމާ އަދާކުރުން ކަމަށް ގަބޫލު ކުރިނަމަހީ އެމީހާއަށް އެތަނުން އެއްވެސް އެއްޗެއް ހިފައިގެން ނުކުތުމުގެ ކުރިން ހައްޔަރުވެސް ކުރެވުނީހެވެ. ފެންނަ މަންޒަރު ނުފެންނަ މަންޒަރުކަމަށް ހަދައިގެން ނަފުސީނަފުސީ ކިޔުމަކީ މުއުމިނުންގެ ސިފައަކަށް ނުވެއެވެ.}

