ސަރަހައްދުގައި ސަރުކާރުން ޓެކްސީގެ ހިދުމަތް ދޭން ކުންފުންޏަކާ ހަވާލުކުރި ކަމުގައި ވިޔަސް، އެ ހިދުމަތް ދޭން ފަށާނީ މިހާރު ވެސް ޓެކްސީ ވިޔަފާރި ކުރާ ފަރާތްތަކުގެ ވިޔަފާރިއަށް އެއްވެސް ލޮޅުމެއް ނާރާނެހެން ކަމުގައި މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން ޑރ. މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އަމީން ވިދާޅުވީ، “މިއަދު ވެސް މި ދަންނަވަނީ ޓެކްސީ ވިޔަފާރީގައި ތިބި ބޭފުޅުންނަށް އެއްވެސް ދެރަވާނެ ގޮތަކަށް ސަރުކާރުން އެއްވެސް ކަމެއް ނުކުރާނެ. މިކަން ކުރަން ޖެހޭ ސަބަބާއި މީގަ އޮތް ކޮންސެޕްޓާއި މިހާރު ޓެކްސީ ކުރާ މީހުންނަށް އެއްވެސް ލޮޅުމެއް ނާރާނެ ކަމުގެ ޔަގީންކަން އަރުވަން،” ކަމަށެވެ.
މިދިޔަ މަހު މިނިސްޓަރު އަމީން ވަނީ “ޓެކްސީ ލައިން” އެއް ތައާރަފްކޮށް މާލެ ސަރަހައްދުގެ ޓެކްސީ ހިދުމަތް ދޭން ސަރުކާރުގެ ކުންފުންޏަކާ ހަވާލުކުރުމަށް ނިންމާފައިވާ ކަމަށް ހާމަކުރައްވާފައެވެ. އޭރު މިނިސްޓަރު އަމީން ވިދާޅުވެފައިވަނީ އެމްޓީސީސީގެ އާރްޓީއެލް ބަސް ކޮންސެޕްޓަށް ދޭނެ މި ހިދުމަތް 24 ގަޑިއިރު ލިބިގެންދާނެ ކަމަށެވެ.
ސަރުކާރުން މި ޚިދުމަތް ދޭން ފެށުމާ ގުޅިގެން މިހާރު ޓެކްސީގެ ހިދުމަތް ދެމުންގެންދާ ފަރާތްތަކުން ވިޔަފާރީގެ ގޮތުން ލިބިދާނެ ގެއްލުމުގެ ކަންބޮޑުވުންތައް ފާޅުކޮށްފައިވެއެވެ. މި ކަންބޮޑުވުންތަކަށް ޖަވާބު ދެއްވަމުން، މިނިސްޓަރު އަމީން އިތުރަށް ވިދާޅުވީ މިހާރު ޓެކްސީގެ ވިޔަފާރި ކުރާ މީހުންގެ އާމްދަނީއަށް ގެއްލުން ނުވާނެ ގޮތަކަށް ސަރުކާރުން މިކަމުގެ ނިޒާމު ބައްޓަން ކުރާނެ ކަމަށެވެ.
މި އައު ހިދުމަތް ތަޢާރަފުކުރުމުގެ މަގުސަދަކީ މާލެ ސަރަހައްދުގައި ޓެކްސީގެ ހިދުމަތް އިތުރަށް ހަރުދަނާކޮށް، ރައްޔިތުންނަށް ފަސޭހަކަމާއެކު 24 ގަޑިއިރު ޓެކްސީގެ ހިދުމަތް ލިބޭނެ މަގު ތަނަވަސްކޮށްދިނުން ކަމަށް ވެސް މިނިސްޓަރު އަމީން ވަނީ ފާހަގަކުރައްވާފައެވެ.

