އެމެރިކާ އެކުވެރި ވިލާތުގެ އައު ރައީސަކު ހޮވުމަށް ބޭއްވޭ ރިޔާސީ އިންތިހާބުގެ ވޯޓުލުން މިއަދު ފެށިއްޖެއެވެ. މި އިންތިހާބުގައި ވާދަކުރަނީ އެމެރިކާގެ މިހާރުގެ ނައިބު ރައީސް ކަމަލާ ހެރިސް އާއި އެ ގައުމުގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕެވެ.
މި އިންތިހާބުގައި އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑަން ވާދައެއް ނުކުރެއެވެ. އިންތިހާބު ކާމިޔާބުކުރުމަށް ކެންޑިޑޭޓުން މަދުވެގެން 270 އިލެކްޓޯރަލް ވޯޓު ހޯދަންޖެހެއެވެ. މި ގޮތުން އެރިޒޯނާ، ޖޯޖިއާ، މިޗިގަން، ނެވާޑާ، ނޯތު ކެރޮލީނާ، ޕެންސިލްވޭނިއާ އަދި ވިސްކޮންސިން އަކީ އިންތިހާބު ކާމިޔާބު ކުރުމަށް އެންމެ މުހިންމު ސްޓޭޓުތަކުގެ ގޮތުގައި ބެލެވެއެވެ.
މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، ޑިކްސްވިލް ނޮޗްގައި ކަމަލާ ހެރިސް އާއި ޑޮނަލްޑް ޓްރަމްޕަށް ވޯޓު ލިބިފައިވަނީ އެއްވަރަކަށެވެ. މިއީ އިންތިހާބުގެ ފުރަތަމަ ނަތީޖާތަކުގެ ތެރެއިން އެއް ނަތީޖާއެވެ.
ދެ ކެންޑިޑޭޓުންވެސް އެމީހުންގެ ރިޔާސީ ކެމްޕޭނުތައް ނިންމާލާފައިވަނީ އިއްޔެއެވެ. ކަމަލާ ހެރިސް އޭނާގެ 107 ދުވަހުގެ ކެމްޕޭނު ނިންމާލީ ޕެންސިލްވޭނިއާގައެވެ. އަދި ޑޮނަލްޑް ޓްރަމްޕް އޭނާގެ ކެމްޕޭނު ނިންމާލީ މިޗިގަންގައެވެ. މިޗިގަންއަކީ ޓްރަމްޕް އޭނާގެ ރިޔާސީ ތިން ކެމްޕޭނުވެސް ނިންމާލި ސްޓޭޓެވެ.
އެމެރިކާގެ ރިޔާސީ އިންތިހާބުގެ ނަތީޖާ އަންނަ ދުވަސްތަކުގައި އިއުލާނު ކުރެވޭނެ ކަމަށް ބެލެވެއެވެ. މި އިންތިހާބަކީ ދުނިޔޭގެ އެންމެ ބާރުގަދަ ޤައުމުގެ ވެރިކަމަށް އަންނާނެ ބަދަލެއް ކަނޑައަޅާނެ އިންތިހާބަކަށް ވާތީ، ދުނިޔޭގެ އެކި ކަންކޮޅުތަކުން މި އިންތިހާބަށް ބަލަމުންދާކަން ފާހަގަކުރެވެއެވެ.
ފުރަތަމަ ވޯޓުލުން ނިމޭނީ ރާއްޖެ ގަޑިން ބުދަ ދުވަހުގެ ފަތިހު 04:00 ގައެވެ. އަދި އެންމެ ފަހު ވޯޓުލުން ނިމޭނީ ރާއްޖެ ގަޑިން ބުދަ ދުވަހުގެ ހެނދުނު 11:00 ގައެވެ.
ބައެއް ރިޔާސީ އިންތިހާބުތަކުގައި ކާމިޔާބުކުރި ފަރާތް އިޢުލާނުކުރެވިފައިވަނީ އިންތިހާބުގެ ރޭގެ ފަހު ވަގުތެއްގައި ނުވަތަ ޖެހިގެން އައި ދުވަހުގެ ފަތިހުއެވެ.
މިފަހަރު، ގިނަ ސްޓޭޓްތަކުގައި ވާދަވެރިކަން ބޮޑުވުމުގެ ސަބަބުން މީޑިއާ އައުޓްލެޓްތަކުން ކާމިޔާބުކުރި ފަރާތް އިއުލާނުކުރުމުގައި ލަސްވެދާނެއެވެ.
ޑިމޮކްރެޓިކް ޕާޓީގެ ނައިބު ރައީސް ކަމަލާ ހެރިސް އާއި ރިޕަބްލިކަން ޕާޓީގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ހަފުތާތަކެއް ވަންދެން ވަރަށް ކައިރި ވާދައެއްގައެވެ. ކުޑަ ތަފާތެއް އަލުން ވޯޓު ގުނަންޖެހިދާނެއެވެ.
މިސާލަކަށް، މުހިންމު ސްވިންގް ސްޓޭޓެ ސްޓޭޓެއް ކަމުގައިވާ ޕެންސިލްވޭނިއާގައި، ކާމިޔާބުކުރި ފަރާތާއި ބަލިވި ފަރާތުގެ ވޯޓުގެ ތަފާތަކީ އެއް ޕަސެންޓޭޖް ޕޮއިންޓުގެ ދެބައިކުޅައެއްބައި ނަމަ، އަލުން ވޯޓު ގުނަންޖެހޭނެއެވެ. 2020 ގައި މި ތަފާތު އޮތީ 1.1 ޕަސެންޓޭޖް ޕޮއިންޓަށްވުރެ ކުޑަކޮށް މަތީގައެވެ.
ގާނޫނީ ގޮންޖެހުންތައްވެސް ކުރިމަތިވެދާނެއެވެ. އިންތިހާބުގެ ކުރިން 100 އަށްވުރެ ގިނަ މައްސަލަ ވަނީ ރިޕަބްލިކަނުން ހުށަހަޅާފައެވެ. މީގެ ތެރޭގައި ވޯޓުލުމުގެ ޝަރުތު ހަމަވާ މީހުންނާއި ވޯޓުލާ މީހުންގެ ލިސްޓު ބެލެހެއްޓުމާ ގުޅޭ މައްސަލަތައް ހިމެނެއެވެ.
ލަސްވުމަށް މެދުވެރިވެދާނެ އެހެން ސަބަބުތަކުގެ ތެރޭގައި އިންތިހާބާ ގުޅޭ އެއްވެސް ހަމަނުޖެހުމެއް، ހާއްސަކޮށް ވޯޓުލާ މަރުކަޒުތަކުގައި ހިނގާ ކަންކަން ހިމެނެއެވެ.
އަނެއްކޮޅުން، ބައެއް ސަރަހައްދުތަކުގައި ވޯޓު ގުނުން އަވަސްވެފައިވެއެވެ. މީގެ ތެރޭގައި ވަރަށް މުހިންމު ސްޓޭޓެއް ކަމުގައިވާ މިޝިގަން ހިމެނެއެވެ. އަދި ކޮވިޑް ބަލިމަޑުކަމުގެ ތެރޭގައި ބޭއްވުނު ފާއިތުވި އިންތިހާބާ އަޅާބަލާއިރު، މިފަހަރު ޕޯސްޓުން ވޯޓުލާ މީހުންގެ އަދަދު މާ މަދުވާނެއެވެ.
ކުރީގެ ރިޔާސީ އިންތިހާބުތަކުގެ ނަތީޖާ އިއުލާނު ކޮށްފައިވާ ވަގުތުތައް ދެނެގަންނަމާ ތޯ!
- 2020 ވަނަ އަހަރުގެ އިންތިހާބުގައި، އެމެރިކާގެ ޓީވީ ނެޓްވޯކްތަކުން ޖޯ ބައިޑެން ކާމިޔާބުކުރި ކަމަށް އިޢުލާންކުރީ ވޯޓުލުން ނިމުނުތާ 4 ދުވަސް ފަހުން، ޕެންސިލްވޭނިއާގެ ނަތީޖާ އިތުރަށް ސާފުވުމުންނެވެ. ފަހުގެ އެހެން އިންތިހާބުތަކުގައި، ވޯޓު ދިން ފަރާތްތަކަށް މާ ކުރު މުއްދަތެއްގައި ނަތީޖާ އެނގިފައިވެއެވެ.
- 2016 ގައި، ޓްރަމްޕް ކާމިޔާބުކުރި ކަމަށް އިއުލާނު ކުރެވުނީ ވޯޓުލުން ނިމުނުތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި، އީއެސްޓީ ގަޑިން 3:00 ގެ ކުރިންނެވެ (ޖީއެމްޓީ ގަޑިން ހެނދުނު 8:00).
- 2012 ގައި، ބަރަކް އޮބާމާ ދެވަނަ ދައުރަކަށް ހޮވުނު އިރު، އޭނާގެ ކާމިޔާބު އިއުލާންކުރެވުނީ ވޯޓުލި ދުވަހުގެ ރޭ މެންދަމުގެ ކުރިންނެވެ.
- ނަމަވެސް، 2000 ވަނަ އަހަރުގެ އިންތިޚާބުގައި ޖޯޖް ޑަބްލިއު ބުޝް އާއި އަލް ގޯރ އާ ދެމެދު ބޭއްވުނު އިންތިހާބަކީ ފާހަގަކޮށްލެވޭ އިސްތިސްނާއެކެވެ. އެ އިންތިހާބުގެ ނަތީޖާ ނިންމުނީ 5 ހަފްތާއަށްފަހު، އެމެރިކާގެ ސުޕްރީމް ކޯޓުން ފްލޮރިޑާގެ ވޯޓު އަލުން ގުނުން ހުއްޓާލަން ވޯޓު ދިނުމުންނެވެ. މިކަމުގެ ސަބަބުން ބުޝް ކާމިޔާބުކުރި ކަމަށް ނިންމައި، އޭނާއަށް ވައިޓް ހައުސް ލިބުނެވެ.

