ގައުމަށް އާމްދަނީ ލިބޭނެ އެތައް މަގެއް މިހާރު ފަހިވަމުންދާކަމަށާއި ރައްޔިތުންނަށް އުފާވެރި އަދި ފާގަތި ދުވަސްތަކެއް އަންނަން އޮތް ދުވަސްތަކުގައި މި ސަރުކާރުން ހޯދައިދޭނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޒު ހުސައިން މުޙައްމަދު ލަތީފް މިއަދު ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް މިހެން ވިދާޅުވެފައިވަނީ ކުޅުދުއްފުށި ސިޓީގައި "ހަށިހެޔޮ ރާއްޖެ" ޕްރޮގްރާމް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ނައިބު ރައީސެވެ.
ނައިބު ރައީސް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އެންމެ ބޮޑު އެއް އަމާޒަކީ ރާއްޖޭގެ އިގްތިސާދު ވެއްޓެމުންދިޔަ ފުން އަނދަވަޅުން ސަލާމަތްކުރުން ކަމަށެވެ. އަދި މިހާރު އިގްތިސާދު ކުރިއެރުވުމަށް ކާމިޔާބު މަސައްކަތްތަކެއް ފެށި، ކަންކަން ހަމަމންކަން ހަމަމަގަށް އެޅެމުންދާ މަންޒަރު ފެންނަމުންދާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަކީ ގައުމަށް އިހުލާސްތެރި ތެދުވެރި ބޭފުޅެއް. އެމަނިކުފާނުގެ ވައުދުފުޅާ އެއްގޮތަށް ކުޅިވަރުގެ ވަޞީލަތްތައް ގާއިމު ކޮށްދޭނެ. އެ ކަންކުރުމުގެ މަސައްކަތްތައް ދަނީ ކުރަމުން. އުއްމީދަކީ އަންނަ އަހަރުގެ ތެރޭގައި މި ކަންކަން ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުން،" ނައިބު ރައީސް ވިދާޅުވިއެވެ.
ނައިބު ރައީސް އިތުރަށް ވިދާޅުވީ ދުޅަހެޔޮ ސިއްޙަތެއްގައި ދެމިހުރުމަށްޓަކައި ހަށިގަނޑަށް ފައިދާހުރި ކާނާ ބޭނުންކުރުމުގެ އިތުރުން ހެލިފެލިވެ އުޅުމާއި ކަސްރަތުކުރުމަކީވެސް މުހިންމު ކަމެއް ކަމަށެވެ. އަދި ދިރިއުޅުމުގެ އާދަތައް ބައްޓަންވެފައިވާ ގޮތުން ގަވާއިދުން ކަސްރަތުކުރުމަކީ އަށަގަންނުވަންޖެހޭ އާދައެއްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"ހަށިހެޔޮ ރާއްޖެ" ޕްރޮގްރާމަކީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ކުރިއަށްދާނެ ޕްރޮގްރާމެއް ކަމަށާއި، މި ޕްރޮގްރާމްގެ ޓްރެއިނަރުންނަށް ލިބޭ މަޢުލޫމާތުގެ ސަބަބުން އޭގެ ފައިދާ ރައްޔިތުންނަށް އެންމެ ފުރިހަމަ ގޮތުގައި ލިބޭނެކަމަށް އުއްމީދުކުރައްވާ ކަމަށްވެސް ނައިބު ރައީސް ވިދާޅުވިއެވެ.

