މަހުގެ ޓެރިފް ކުޑަކުރުމަށް އަދިވެސް ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ފެހި ސިގްނަލެއް ނުލިބޭ ކަމަށް މަސްވެރިކަމާއި ކަނޑުތަގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ވަޒީރު އަހުމަދު ޝިޔާމު ވިދާޅުވެއްޖެއެވެ. ވަޒީރު ޝިޔާމު މި ވާހަކަ ދެއްކެވީ ރައީސް އޮފީހުގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
މިނިސްޓަރު ޝިޔާމު ވިދާޅުވި ގޮތުގައި، އީޔޫއަށް ބޭރުކުރާ މަހުން ނަގާ ޓެރިފް ކުޑަކުރުމަށް އެކި ސަރުކާރުތަކުން މަސައްކަތް ކުރަމުންދާތާ މިހާރު 12 ވަރަކަށް އަހަރުވެދާނެއެވެ. ނަމަވެސް މިހާތަނަށް އޭގެން އެދެވޭ ނަތީޖާއެއް ނެރެވިފައި ނުވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
“އަޅުގަނޑުމެންނަކަށް މި ކަމުގައި މި ވަގުތު ސީދާ އީޔޫގެ ފެހި ސިގްނަލްއެއް ނުލިބޭ. އަޅުގަނޑުމެން މި ދަނީ މަސައްކަތް ކުރަމުން،” ވަޒީރު ވިދާޅުވިއެވެ.
މި ސަރުކާރުގެ ކުރީކޮޅުގައި މަހުގެ ޓެރިފް ކުޑަކުރުމަށްޓަކައި މަޝްވަރާތަކެއް ކުރެވުނު ކަމަށާއި، މި ކަމާ ގުޅޭގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު އީޔޫގެ ކައުންސިލްގެ ރައީސްއާވެސް ބައްދަލުކުރެއްވި ކަމަށް ވަޒީރު ޝިޔާމު ހާމަކުރެއްވިއެވެ.
ދިވެހިރާއްޖެއަކީ ދެމެހެއްޓެނިވި މަސްވެރިކަމުގައި ޗެމްޕިއަން ގައުމެއްކަމަށް ފާހަގަކުރައްވަމުން، މިފަދަ ގައުމަކުން ބޭރުކުރާ މަހުން ނަގާ ޓެރިފްގެ އުސޫލަކީ އިންސާފުވެރި ގޮތެއް ނޫންކަމަށް ވަޒީރު ޝިޔާމު ވިދާޅުވިއެވެ.
އިތުރުން، ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން އެންމެ ގިނައިން މަސް ބޭރުކުރެވެނީ އިނގިރޭސިވިލާތަށް ކަމަށާއި، އެ ގައުމާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމުކުރެވިއްޖެނަމަ މަހުގެ ޑިއުޓީއަށް ވަރަށް ބޮޑު ލުޔެއް ލިބޭނެކަމަށް ވަޒީރު ޝިޔާމު ވަނީ ވިދާޅުވެފައެވެ.
ހަމައެހެންމެ ރާއްޖެއިން އީޔޫއަށް ބޭރުކުރާ މަހުން ނަގާ ޓެރިފް ކުޑަކުރުމަށް ހުރިހާ ޕްލެޓްފޯމެއްގައިވެސް މަސައްކަތްތައް ކުރަމުންދާ ކަމުގެ ޔަގީންކަންވެސް ވަޒީރު ދެއްވިއެވެ.

