ލޮލުގެ ބަލިތަކަށް ހާއްސަ ޗައިނާގެ މެޑިކަލް ޓީމަކުން އުނގޫފާރު ހޮސްޕިޓަލުގައި "ބްރައިޓް ޖާނީ"ގެ ނަމުގައި ކޭމްޕެއް ކުރިއަށް ގެންގޮސްފިއެވެ. މިނިސްޓްރީ އޮފް ހެލްތް، ހުޅުމާލޭ ހޮސްޕިޓަލް އަދި އުނގޫފާރު ހޮސްޕިޓަލާއި ގުޅިގެން މި ކޭމްޕް ކުރިއަށް ގެންގޮސްފައިވަނީ މިމަހުގެ 1 ވަނަ ދުވަހާއި 2 ވަނަ ދުވަހު ކަމަށް ރާއްޖޭގައި ހުންނަ ޗައިނާގެ އެމްބަސީން މައުލޫމާތު ދީފައިވެއެވެ.
މި ކޭމްޕުގެ ތެރެއިން އުނގޫފާރާއި އުނގޫފާރާއި ކައިރީ ރަށްރަށުގެ 60 މީހުންގެ ލޮލުގެ މައްސަލަތައް ބަލައި، މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށް އެމްބަސީން ބުނެފައިވެއެވެ. އަދި އުނގޫފާރުގެ އިތުރުން އެޑޮކްޓަރުންގެ ޓީމުން ވަނީ މިއަދު ތިނަދޫގައި ވެސް މި ކޭމްޕް ފަށާފައިވާ ކަމަށް އެމްބަސީން ހާމަކޮށްފައިވެއެވެ.
މި ކޭމްޕާއި ގުޅިގެން ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަން ލީޝިން ވިދާޅުވެފައިވަނީ، މިކަމުން އެނގިގެން ދަނީ ރާއްޖެއާއި ޗައިނާއާއި ދެމެދު އޮތް ޒަމާންވީ ގުޅުން ކަމަށެވެ. އަދި ފާއިތުވި 2 ދުވަހު އެކަނި އެޑޮކްޓަރުންގެ ފަރާތުން ފަރުވާ ހޯދުމަށް 180 ދިވެހިން ގޮސްފައިވާ ކަމަށް ސަފީރު ފާހަގަކުރެއްވިއެވެ.
ސަފީރު އިތުރަށް ވިދާޅުވި ގޮތުގައި، 2016 ވަނަ އަހަރު ބްރައިޓް ޖާނީ ކޭމްޕް ރާއްޖޭގައި ފެށި ފަހުން މިހާތަނަށް 5000 މީހުންނަށް ފަރުވާދީ، 600 އަށްވުރެ ގިނަ މީހުންގެ ސާޖަރީތައް ކޮށްފައިވެއެވެ.
ޗައިނާގެ ލޮލުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރުންގެ ޓީމަކުން އުނގޫފާރުގައި ކޭމްޕެއް ކުރިއަށް ގެންގޮސްފައިވާއިރު، ޗައިނާއަކީ މީގެ ކުރިން ވެސް ރާއްޖޭގެ ސިއްހީ ހިދުމަތްތައް ދެމުން އަންނަ ތަންތަނަށް ގިނަ ސިއްހީ ސާމާނު ހަދިޔާކޮށްފައިވާ ގައުމެއްކަން ފާހަގަކޮށްލެވެއެވެ. މި ކޭމްޕަކީ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކޮށް، ރާއްޖޭގެ ސިއްހީ ދާއިރާއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ކުރިއަށް ގެންދެވުނު ކޭމްޕެއް ކަމުގައި ބެލެވެއެވެ.

