އިމާމުންނަށް އިތުރު ތަމްރީން ދިނުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން 28 އިމާމަކު ރޭގެ ވަގުތެއްގައި ރާއްޖެއިން ބޭރުގެ ދެ ގައުމަކަށް ފުރައިފިއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނީ އިތުރު ތަމްރީން ހޯދުމަށް 28 އިމާމަކު ރާއްޖެއިން ބޭރަށް ފުރާފައިވާ ކަމަށާއި، އޭގެތެރެއިން 15 އިމާމަކު ފުރީ އިންޑޮނޭޝިޔާއަށް ކަމަށެެވެ. އަދި ބާކީ ތިބި 13 އިމާމަކު ފުރީ މެލޭޝިޔާއަށް ކަމަށެވެ.
އިތުރު ތަމްރީނަށް އިންޑޮނޭޝިޔާއަށް ފުރާ އިމާމުންނާ ބައްދަލުކުރެއްވުމަށްފަހު ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެފައިވަނީ އިންޑޮނޭޝިޔާގެ ދަތުރާއެކު މި އަހަރުގައި ރާއްޖެއިން ބޭރުން އިމާމުންނަށް 100 ތަމްރީނު ފުރުސަތު ވަނީ ފަހިވެކުރެވިފައި ކަމަށެވެ.
އިމާމުން ތަމްރީން ހޯދި ގައުމުތަކުގެ ތެރޭގައި ސަޢުދީ ޢަރަބިއްޔާއަށާއި، ބުރޫނާއީ ވެސް ހިމެނެއެވެ.
އިމާމުންނަށް އިތުރު ތަމްރީނާއި ތައުލީމުގެ ފުރުސަތުތައް ހޯދައިދިނުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ޚާއްސަ ސިޔާސަތެކެވެ.

