މާލޭގެ މަޖީދީ މަގުގައި ހުންނަ ޒިއޯން މޯބައިލްސް ފިހާރައިން ވަގަށް ނެގި ތަކެތީގެ އަގު ލައްކައަކަށްވުރެ މަތި ކަމަށް ކްރިމިނަލް ކޯޓުން ބުނެފިއެވެ.
‘ޒިއޯން މޯބައިލްސް 4’ ގެ ބިއްލޫރިގަނޑު ތަޅާލައި، އެ ފިހާރައިން ވައްކަން ކުރި މައްސަލައެއް ފުލުހުންނަށް ރިޕޯޓުކުރީ މިދިޔަ ހޯމަ ދުވަހު ފަތިހު 5:35 ހާއިރުއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ފިނިރޯޅި، ހއ.މާރަންދޫ، އަޙްމަދު ނިޔާޒް (47 އ) އެވެ.
އޭނާ ހައްޔަރުކޮށް އޭނާ ގެންގުޅުނު ދަބަހެއް ބަލައި ފާސްކުރިއިރު، އެ ފިހާރައިން އޭނާ ވަގަށް ނެގި ކަަމަށް ބެލެވޭ 9 ފޯނު ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ 20 ދުވަހަށް އޭނާ ބަންދުކުރުމަށް އަމުރުކޮށްފައެވެ.
ކޯޓު އަމުރުގައިވާ ބުނެފައިވަނީ މައްސަލަ ހުށަހެޅި ފަރާތުގެ ބަޔާނުންނާއި، ފިހާރައިން ގެއްލިފައިވާ ތަކެތީގެ އަގު ބަޔާންކޮށް ހުށަހެޅި ލިޔުމުން އެނގޭ ގޮތުގައި އެ ތަކެތީގެ އަގު އެއްލައްކަ ރުފިޔާއަށްވުރެ މަތި ކަމަށެވެ.

