ދިވެހިރާއްޖޭގެ 20 އަހަރު ދުވަހުގެ ގައުމީ ތަރައްގީގެ ޕްލޭން އެކުލަވައިލުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.
މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައިި މި މަސައްކަތް އިފުތިތާހުކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ.
މި ރަސްމިއްޔާތުގައި ނައިބު ރައީސް ޙުސައިން މުޙައްމަދު ލަތީފާއި، ދައުލަތުގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހައުސިންގ މިނިސްޓަރު ޑރ. ޢަލީ ހައިދަރު ވިދާޅުވީ މި ޕްލޭން އެކުލަވާލުމުގެ މަސައްކަތުގައި ކަމާބެހޭ ހުރިހާ ފަރާތްތަކާއި، ރައްޔިތުންގެ ބައިވެރިވުމާއި ޚިޔާލާއި، މަޝްވަރާ ވީހާވެސް ފުޅާދާއިރާއެއްގައި ހޯދުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މި ޕްލޭނަށް ގާނޫނީ ބާރުވެރިކަން ގެނެސްދޭނެ ގައުމީ ތަރައްގީގެ ގާނޫނުގެ ބިލެއް މި މަސައްކަތުގެ ތެރޭގައި އެކުލަވައިލެވި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ދެމެހެއްޓެނިވި ގޮތެއްގައި މި ޕްލޭން ތަންފީޒުކުރުމަށް ބޭނުންވާ އިތުރު ބާރުވެރިކަން ގެނައުމަށްޓަކައި، ގާނޫނު އަސާސީއަށް މާއްދާއެއް އިތުރުކުރުމަށް ނިންމާފައިވާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ މި ޕްލޭން ބައްޓަންކުރުމުގައި އިޖްތިމާއީ އަދި އިގުތިސާދީ ތަރައްގީއަށާއި، ތިމާވެށި ރައްކާތެރި ކުރުމާއި، ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކުން ރާއްޖެއަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް އަޅާނޭ ފިޔަވަޅުތަކާއި، ގާނޫނު ހިންގުމުގެ ދާއިރާ އިތުރަށް ހަރުދަނާކުރަން ކުރަންޖެހޭ މަސައްކަތްތަކާއި އަަލަށް ކުރިމަތިވަމުން އަންނަ ގޮންޖެހުންތަކާއި މައްސަލަތަކަށް ރިއާޔަތްކުރަންޖެހޭ ކަމަށެވެ.
ޕްލޭން އެކުލަވާނީ އަހަރެއްހާ ދުވަހުގެ ތެރޭގައިކަން ފާހަގަކުރައްވައި ވަޒީރު ވަނީ ހުރިހާ ރައްޔިތުން ވެސް އަމިއްލަ ޚިޔާލާއި މަޝްވަރާ އަދި ލަފާ މިކަމުގައި ސަރުކާރަށް ދެއްވުމަށް ވެސް އެދިވަޑައިގެންފައެވެ.

