މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް، ޑރ. މަރްޔަމް މާރިޔާގެ ބައްޕާފުޅު މުޙައްމަދު ޔޫސުފް (ކުވާ މޮހޮދޭ) އަވަހާރަވުމާ ގުޅިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
ތައުޒިޔާ ވިދާޅުވެ، ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ޑރ. މާރިޔާގެ ލޮބުވެތި ބައްޕާފުޅު މުޙައްމަދު ޔޫސުފް އަވަހާރަވި ޚަބަރު އެއްސެވީ ފުން ހިތާމައާއެކު ކަމަށެވެ.
މަރުހޫމް މުޙައްމަދު ޔޫސުފަކީ ވިޔަފާރީގެ ދާއިރާއިން ބޮޑެތި ޚިދުމަތްތަކެއް ގައުމަށް ކޮށްދެއްވާފައިވާ ބޭފުޅެއް ކަމަށާއި، ދަރުމަވެރި އެތައް އެހީތަކެއް ވަކިވަކި ފަރުދުންނަށާއި ޖަމާއާތްތަކަށް ފޯރުކޮށްދެއްވާފައިވާ އިހުސާންތެރިއެއްކަން ވެސް ރައީސްގެ ޕޯސްޓުގައި ފާހަގަކުރައްވާފައިވެއެވެ.
މަރުހޫމް މުޙައްމަދު ޔޫސުފަކީ ގިނަ ބަޔަކު ދަންނަ ރަހުމަތްތެރި ސާދާ މިޒާޖެއްގެ ވެރިއެއް ކަމަށާއި ޚިދުމަތްތެރި ދަރީންތަކެއްގެ ބައްޕައެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
މަރުހޫމް މުޙައްމަދު ޔޫސުފްގެ އާއިލާއަށް ތައުޒިޔާ ދަންނަވައި، ކެތްތެރިކަން މިންވަރުކޮށްދެއްވުން އެދެމެވެ. ރައީސްގެ ޕޯސްޓުގައި ލިޔުއްވާފައިވެއެވެ.
މީގެއިތުރުން މާތް ﷲ ގެ ދީލަތިވަންތަ ރަހުމަތުގައި، ސުވަރުގޭގެ ދާއިމީ ނިއުމަތުގައި މަރުހޫމް ލެހެއްޓެވުން އެދި ކުރާ ދުއާތައް ތަކުރާރުކުރައްވާ ކަމަށް ވެސް ރައީސްގެ ޕޯސްޓުގައި ލިޔުއްވާފައިވެއެވެ.

