ހުރިހާ ރައްޔިތުންނަށް ވެސް ”ތަފާތުކުރުމެއްނެތި” ވަޒީފާގެ ފުރުސަތު ލިބޭނެކަން ޔަގީންވާން ބޭނުންފުޅުވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ ގައުމީ ތަރައްގީގެ 20 އަަހަރުގެ މާސްޓަރޕްލޭންގެ މަޝްވަރާ ބައްދަލުވުން އިފުތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.
މިފަދަ ޕްލޭނެއް އެކުލަވައިލުމުގެ މުހިންމު ކަމާއި، ބޭނުންތަކުގެ މައްޗަށް އަލިއަޅުވައިލައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނު ބޭނުންފުޅުވަނީ ގައުމަށް ތަރައްގީ ގެނެސްދެއްވުމަށް ކަމަށެވެ. އަދި ގައުމުގެ އިގުތިސާދީ ހާލަތު ރަނގަޅުކޮށް، ރައްޔިތުންނަކީ މުއްސަނދި ބަޔަކަށް ހެދުމަށް ބޭނުންފުޅުވާ ކަމަށެވެ.
އަޅުގަނޑުމެން ބޭނުންވަނީ ގައުމު ތަރައްގީކުރަން، ރައްޔިތުން މުއްސަނދިވާން، ފުދުންތެރިވާން.
ރާއްޖޭގައި އޮތް އެންމެ ބޮޑު މައްސަލަ ކަމަށްވާ ބޯހިޔާވަހިކަމުގެ މައްސަލައަށް އިޝާރަތްކުރައްވަމުން ރައީސް ވިދާޅުވީ އެމަނިކުފާނު ބޭނުންފުޅުވަނީ ގެދޮރުވެރިކަން އެންމެންނަށް ލިބިގެންދާން ކަމަށެވެ. އަދި ވަޒީފާގެ ފުރުސަތު ހުރިހާ ރައްޔިތުންނަށް ތަފާތުކުރުމެއްނެތި ލިބޭނެކަން ޔަގީންވާން ކަމަށާއި، ސިއްހީ ކަންކަމާއި ތައުލީމީ ކަންކަމާއި އަދި އިޖުތިމާއީ ހުރިހާ ކަމެއް ވެސް ރައްޔިތުން އެދޭ ފެންވަރަށް ތަރައްގީ ކުރުމަށް ކަމަށެވެ.
ގައުމީ ތަރައްގީގެ 20 އަަހަރުގެ މާސްޓަރޕްލޭންގެ މަޝްވަރާތައް ފެށިފައިވާއިރު، މި ޕްލޭން ރާވައި، ފުރިހަމައަށް ތަންފީޒުކުރެވިއްޖެނަމަ، ރާއްޖެއަކީ 2040 ވަނަ އަހަރުގެ ކުރިން، ފުރިހަމައަށް ތަރައްގީވެފައިވާ ގައުމެއްގެ ގޮތުގައި ގިންތިކުރެވިގެންދާނޭ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

