ކ. އަތޮޅު މާފުށީގައި ހަލާލް ޓޫރިޒަމް ތަޢާރަފުކުރުމަށް ހައްޖު ކޯޕަރޭޝަނުން ނިންމައިފިއެވެ.
ހައްޖު ކޯޕަރޭޝަނުން ހާމަކުރި ގޮތުގައި، މި މަޝްރޫޢުގެ ދަށުން މާފުށީގައި ސިޓީ ހޮޓަލެއް އަޅާނެއެވެ. މިއީ މާފުށީ ކައުންސިލްގެ ކުންފުންޏާ ގުޅިގެން އުފައްދާ ސަބްސިޑަރީ ކުންފުންޏަކުން ކުރިއަށް ގެންދާ މަޝްރޫޢެކެވެ.
މި މަޝްރޫއަށް އިންވެސްޓްކުރާނެ ފަރާތެއް މިހާރު ވަނީ ލިބިފައެވެ. އަދި މާފުށީގައި ޓޫރިޒަމަށް ލިބިފައިވާ މަގުބޫލުކަން ބޮޑުކަމުން މިއީ ރިސްކު ކުޑަ މަޝްރޫއެއް ކަމަށް އެ ކޯޕަރޭޝަނުން ދެކެ އެވެ. މި މަޝްރޫއަށް ބޭނުންވާ ބިން ވެސް މިހާރު ވަނީ ހަމަޖެހިފައެވެ.

ކ. އަތޮޅު މާފުށި
މި މަޝްރޫޢަކީ ހައްޖު ކޯޕަރޭޝަނުން ފައިދާ އިތުރުކުރުމަށް ކުރިއަށް ގެންދާ މަސައްކަތްތަކުގެ ތެރެއިން އެއް މަސައްކަތް ކަމަށް އެ ކުންފުނިން ބުނެއެވެ. މީގެ އިތުރުން ހުޅުމާލޭގައި ލަގްޒަރީ އެޕާޓްމަންޓް އިމާރާތްކުރުމުގެ މަޝްރޫޢެއް ވެސް ކުރިއަށް އޮތް ދެތިން މަސް ތެރޭގައި ފަށާނެ ކަމަށް އެ ކޯޕަރޭޝަނުން ހާމަކޮށްފައިވެއެވެ.

ކ. އަތޮޅު މާފުށި
ލޯކަލް ޓޫރިޒަމްގެ ދާއިރާގައި އެންމެ ކުރިއަރާފައިވާ ރަށްތަކުގެ ތެރޭގައި ހިމެނޭ މާފުށީގައި މި މަޝްރޫޢު ފެށުމުން، އިތުރު ވަޒީފާގެ ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް ބެލެވެއެވެ. އަދި ހަލާލް ޓޫރިޒަމްގެ ސަބަބުން މުސްލިމް ފަތުރުވެރިން ރާއްޖެއަށް އައުމަށް މަގުފަހިވެގެންދާނެ ކަމަށްވެސް ލަފާކުރެވެއެވެ.

