މަސްތުވާތަކެތީގެ ވިޔަފާރިކުރި މީހަކު 23 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ. މި ހުކުމް އިއްވާފައިވަނީ ހ. ބްލޫބާޑްގެ، ހުސެއިން އަބްދުﷲ ގެ މައްޗަށެވެ.
ކޯޓުގެ ހުކުމުގެ ޚުލާސާގައިވާ ގޮތުން، މިދިޔަ އަހަރު މަސްތުވާތަކެތީގެ ވިޔަފާރިކުރުމަށް ހުސެއިން ކުއްޔަށް ހިފައިގެން އުޅުނު ގ. ކޯޒީގެ ދެވަނަ ފަންގިފިލާއިން 75 ގްރާމަށްވުރެ ގިނަ ޑައިމޯފިން ފެނިފައިވެއެވެ. މީގެ އިތުރުން، ހަމަ އެ ގެއިން 283،500 ރުފިޔާ ފެނުނު ކަމަށާއި، މި ފައިސާ ހޯދި ގޮތެއް ބުނެދެވިފައި ނުވާތީ، އެއީ މަސްތުވާތަކެތީގެ ވިޔަފާރިން ލިބުނު ފައިސާ ކަމަށް ބެލެވޭ ކަމަށް ކޯޓުން ބުނެފައިވެއެވެ.
ކޯޓުގެ ހުކުމުގައި ވަނީ މަސްތުވާތަކެތީގެ ވިޔަފާރިކުރިކަން ހުސެއިންގެ މައްޗަށް ސާބިތުވާ ކަމަށެވެ. މި މައްސަލައިގައި ހުސެއިން 400،000 ރުފިޔާއިން ޖޫރިމަނާކޮށް، ހުކުމް އިއްވި ދުވަހުން ފެށިގެން 12 ދުވަހުގެ ތެރޭގައި އެ ފައިސާ މީރާއަށް ދެއްކުމަށް ވަނީ އަމުރުކޮށްފައެވެ.
އަދި މީގެ އިތުރުން، ހުސެއިން 25 އަހަރަށް ޖަލަށްލުމަށް ވެސް ވަނީ ހުކުމްކޮށްފައެވެ. ނަމަވެސް، މިހާތަނަށް ޖަލު ބަންދުގައި ހޭދަކޮށްފައިވާ މުއްދަތަށް ބަލައި، ދެން ޖަލުގައި ހޭދަކުރަންޖެހޭނީ 23 އަހަރާއި ދެ މަހާއި 25 ދުވަސް ކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ.

