މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ގދ.ގައްދޫ، ކޯޒީރައުންޑް، ފާޠިމަތު އަމީޒާ އައްޔަންކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިގޮތަށް ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 64 މެންބަރުންގެ އިއްތިފާގުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މީރާގެ ޑެޕިއުޓީ ކޮމިޝަނަރު ކަމަށް ބޭފުޅަކު އައްޔަންކުރެއްވުމާ ގުޅޭ މައްސަލަ، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ މިހާރު އެ މަގާމުގައި ހުންނެވި އަސްމާ ޝަފީއުގެ ދައުރު ހަމަވާތީއެވެ. މިދިޔަ މަހުގެ 31 ގައި ވަނީ އޭނާގެ ދައުރު ހަމަވެފައެވެ.
ރައީސުލްޖުމްހޫރިއްޔާ، މަޖިލީހަށް ފޮނުއްވި ސިޓީގައި ހިމެނެނީ އަމީޒާގެ އިތުރުން އަސްމާގެ ނަމެވެ. ސިޓީގައި އިސްކަންދެއްވާފައިވަނީ އަމީޒާއަށެވެ.
އަމީޒާ މިހާރު ހުންނެވީ އެސިސްޓެންޓް ކޮމިޝަނަރ ޖެނެރަލް އެންފޯސްމެންޓްގެ މަގާމުގައެވެ.

