އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި، އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސާއި، ނައިބު ރައީސް އައްޔަންކުރެއްވުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް އޮންނަ ގޮތަށް ބަދަލުކުރުމަށް ސަރުކާރުގެ ފަރާތުން ގާނޫނުތަކަށް ހުށަހަޅާފައިވާ އިސްލާހުތަކަށް އާންމުންގެ ޚިޔާލު ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިއަދު ހުޅުވާލައިފިއެވެ.
އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، އިލެކްޝަންސް ކޮމިޝަންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް އާންމުންގެ ޚިޔާލު ހޯދުމުގެ ބިލު ދިރާަސާކުރަމުންދަނީ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީންނެވެ.
މަޖިލީހުގެ އިދާރާއިން މިއަދު ކުރި ދެ އިއުލާނެއްގައި ބުނެފައިވަނީ މި ދެ ބިލަށް އާންމުންގެ ޚިޔާލު ހޯދުމަށް މިއަދުން ފެށިގެން ހުޅުވައިލާ ކަމަށެވެ. މި ދެ ބިލަށް ޚިޔާލު ފާޅުކުރުމުގެ ސުންގަޑިއަކީ މި މަހުގެ 12 ވަނަ ދުވަހެވެ.
ސަރުކާރުގެ ފަރާތުން، އެންޓި ކޮރަޕްޝަން ކޮމިޝަންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު، މަޖިލީހަށް ހުށަހެޅުއްވީ ފެލިދޫ ދާއިރާގެ މެންބަރު އާދަމް ޒާހިރެވެ. އަދި އިލެކްޝަންސް ކޮމިޝަންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު، ހުށަހެޅުއްވީ ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ ޝަރީފެވެ.
މި ދެ ބިލު ހުށަހެޅުމުގެ ބޭނުމަކީ މުސްތަގިއްލު ކޮމިޝަންތަކުގެ ހިންގުން ހަރުދަނާކޮށް، ކޮމިޝަންތަކަށް އައްޔަންކުރާ މެންބަރުންގެ ތެރެއިން، އެ ކޮމިޝަންތަކުގެ ރައީސާއި ނައިބު ރައީސްގެ މަގާމަށް މެންބަރުން އައްޔަންކުރުމުގައި އަމަލުކުރަމުން އަންނަ އުސޫލު އެއްހަމަކުރުމަށްޓަކައި ގެންނަންޖެހޭ އިސްލާހުތައް ގެނައުމެވެ.
މި ބިލުތަކުގައިވާ ގޮތުން، ކޮމިޝަނުގެ މެންބަރުންގެ ތެރެއިން ކޮމިޝަނުގެ ރައީސަކާއި ނައިބު ރައީސް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވަންވާނެއެވެ. އަދި ކޮމިޝަނުގެ ރައީސަކު ނުވަތަ ނައިބު ރައީސަކު އައްޔަންކުރުމަށް ބޭނުންވާ ކޮންމެ ފަހަރަކު، ކޮމިޝަނަށް އައްޔަންކުރެވޭ މެންބަރުންގެ ތެރެއިން މީހެއް ނުވަތަ މީހުންގެ ނަން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެއެވެ. އެގޮތުން ހުށަހަޅާ ނަންތަކުގެ ތެރެއިން މަޖިލީހުން ފާސްކުރާ މީހަކު ކޮމިޝަނުގެ ރައީސް ނުވަތަ ނައިބު ރައީސްކަމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވަންވާނެއެވެ.
މީގެއިތުރުން ކޮމިޝަނުގެ ރައީސް ނުވަތަ ނައިބު ރައީސްގެ މަގާމުން އިސްތިއުފާދޭން ބޭނުންވެއްޖެނަމަ ސިޓީއަކުން އެކަން ބަޔާންކޮށް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅައި އެ ސިޓީ ރައީސުލްޖުމްހޫރިއްޔާއަށް ލިބުމުން ކޮމިޝަނުގެ ރައީސްކަމުގެ މަގާމުން ނުވަތަ ނައިބު ރައީސްގެ މަގާމުން އެ މީހަކު ވަކިވީ ކަމަށް ދެ ބިލުގައި ވެސް ބަޔާންކޮށްފައިވެއެވެ.

