މަސްދޯނި ފަހަރުގައި ފިނިކުރި ނިޒާމް ގާއިމްކުރުމަށް، ސަރުކާރުން ފެށި އާރްއެސްޑަބްލިއު ފެސިލިޓީ ލިބުނު ފާރާތްތަކަށް ލޯނު ހަމަޖެހުނު ކަމުގެ ލިޔުން ހަވާލުކޮށްފިއެވެ.
ރައީސުލް ޖުމްހުރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ރަސްމިއްތާތުގައި ލިޔުން ހަވާލުކޮށްދެއްވީ ރައީސުލް ޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒުއެވެ.
މިއީ މިދިޔަ މަހުގެ 7 ވަނަ ދުވަހު އިއުލާން ކުރި މަޝްރޫއެކެވެ.

އާރްއެސްޑަބްލިއު ސިސްޓަމާއި ޖަނަރޭޓަރާއި ސޯލާ ގަތުމަށް ހޭދަކުރާ އަގުގެ 35 އިންސައްތަ އޮޑިވެރިން އަބުރާ ދައްކާކަށް ނުޖޭހޭނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. އަދި އިސްލާމީ ޝަރީޢާ ހަމަތަކުގެ މަތިން ތަކެތި ގަތް އަގާއި އަގަށް ފައިދާގެ ގޮތުގައި ލާ މިންވަރު ކަނޑައަޅައިގެން ކުރިއަށް ގެންދާ މި ލޯނު ދެއްކުމަށް 10 އަހަރުގެ މުއްދަތެއް ލިބޭނެ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.
އާރުއެސްޑަބްލިޔު ސިސްޓަމް ނުވަތަ ލޮނުފެނުން މަސް ފިނިކުރާ ނިޒާމް ގާއިމް ކުރަން ދޭ ލޯނަށް 6 މަސް ދުވަހުގެ ގްރޭސް މުއްދަތެއް ލިބިގެންދާނެއެވެ.
މިއީ މަސްވެރިކަމުގެ ފަހި މޫސުމުގައި އައިސް ނުލިބިމުގެ ސަބަބުން މަސް ފިނިކުރުމަށް ދިމާވާ ދަތިތަކަށް ހައްލު ހޯދައިދީ މަސްވެރިކަމުން ލިބޭ ނަފާ އިތުރުކުރުމަށް އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކާއި ލައިވްސް އެންޑް ލައިވްލީހުޑް ފަންޑުގެ އެހީގައި ކުރިއަށް ގެންދާ މަޝްރޫއެކެވެ.

