ދަރިންނަށް ހަރަދު ނުދޭ ބައްޕައެއްގެ ޕާސްޕޯޓު ހިފަހައްޓައި، އެކައުންޓްތައް ފްރީޒްކޮށް ޖަލަށް ލުމަށް ގއ ވިލިގިލީ މެޖިސްޓްރޭޓް ކޯޓުން ހުކުމް ކޮށްފިއެވެ.
ގއ. ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އާއިޝަތު ޝިހާބު އިއްވި ޙުކުމުގައި ބުނެފައިވަނީ އެ ހުރިހާ ފައިސާއެއް 3 މަސްދުވަހުގެ ތެރޭގައި ދައްކައި ހަލާސްކުރުމަށެވެ. އަދި މި މައްސަލައިގައި ކޯޓުން ނިންމި ނިންމުންތަކުގެ ތެރޭގައި:
1. އެ ފަރާތް އެއް މަސް ދުވަހަށް ޖަލަށްލުން
2. އޭނާގެ ބޭންކް އެކައުންޓް ފްރީޒްކުރުން
3. ތިން މަސް ދުވަހުގެ ތެރޭގައި ނުދައްކާ ހުރި ހުރިހާ ފައިސާއެއް ދެއްކުމަށް އެންގުން
4. އެ ފަރާތުގެ ނަން ހާމަކުރުން
މި މައްސަލައިގައި ނުދައްކާ ހުރި ޚަރަދުގެ ޖުމްލަ އަދަދަކީ 153,504 ރުފިޔާއެވެ. މީގެ އިތުރުން، އެ ފަރާތުގެ ޕާސްޕޯޓް ހިފެހެއްޓުމަށާއި، އެކައުންޓްގައި ހުރި 950 ރުފިޔާ ދަރިފުޅުގެ މަންމައާ ޙަވާލުކުރުމަށްވެސް ކޯޓުން އަމުރުކޮށްފައިވެއެވެ. މި ފިޔަވަޅުތަކަކީ ޢާއިލާއާބެހޭ ގަވާއިދުގެ ދަށުން ޚަރަދު ނުދޭ ބައްޕައިންގެ މައްޗަށް އެޅިދާނެ ކަމަށް ބަޔާންކޮށްފައިވާ ފިޔަވަޅުތަކެކެވެ.
ދިވެހިރާއްޖޭގައި ދަރިންނަށް ހަރަދުނުދޭ ބައްޕައިންގެ މައްސަލައަކީ ބޮޑު މައްސަލައެކެވެ. މިފަދަ ގިނަ މައްސަލަތަކުގައި ގިނަ ފަހަރަށް ހުކުމާއި އެއްގޮތަށްވެސް ގިނަ ފަހަރު ފައިސާ ދައްކާފައި ނުވެއެވެ.

