އަންނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބަހައްޓާނެ މަޝްރޫއެއް އިފްތިތާހުކޮށް، އިކޮނޮމިކް މިނިސްޓްރީއާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާ ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވުނު ރަސްމިއްޔާތެއްގައި މި މަޝްރޫއު އިފްތިތާހުކޮށްދެއްވީ ރައީސް މުހައްމަދު މުއިއްޒެވެ. އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ. އަދި ބީއެމްއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ބޭންކުގެ އައު ސީއީއޯ މުހައްމަދު ޝަރީފެވެ.
މި މަޝްރޫއުގެ ދަށުން އެންމެ ފުރަތަމަ އޭޓީއެމް ބެހެއްޓީ އދ. އޮމަދޫގައެވެ. މިއީ ބީއެމްއެލްއިން ބެހެއްޓި 150 ވަނަ އޭޓީއެމްއެވެ.
ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވި ގޮތުގައި، މި މަޝްރޫއު ކުރިއަށްދާނީ ތިން ފިޔަވައްސަކަށް ބަހާލައިގެންނެވެ. ފުރަތަމަ ފިޔަވަހީގައި 17 ރަށެއްގައި އޭޓީއެމް ބަހައްޓާ، އަންނަ އަހަރުގެ މާރޗު މަހުގެ ނިޔަލަށް ނިންމާނެއެވެ. ދެވަނަ ފިޔަވަހީގައި 56 އޭޓީއެމް އަދި ތިންވަނަ ފިޔަވަހީގައި 30 އޭޓީއެމް ބެހެއްޓުމަށް ވަނީ ރޭވިފައެވެ.
“މި މުހިންމު ޚިދުމަތް ރާއްޖޭގައި ދޭން ފެށިތާ އަންނަ އަހަރަށް 25 އަހަރު ފުރޭނެ. މި އުފާވެރި ރިހި ޔޫބީލްގައި އަޅުގަނޑުމެންގެ އަމާޒަކީ އަންނަ އަހަރުގެ ތެރޭގައި 100 އަށް ވުރެ ގިނަ ރަށުގައި އޭޓީއެމް ބަހައްޓާ ނިންމުން،” ޝަރީފް ވިދާޅުވިއެވެ.
މި މަޝްރޫއު ފުރިހަމަވުމުން، ބީއެމްއެލްގެ އޭޓީއެމްތަކުގެ އަދަދު 250 އަށް އަރާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި ފުރަތަމަ ފިޔަވަހީގައި ބަހައްޓާ އޭޓީއެމްތައް މިހާރު ރާއްޖެ ގެނެސްފައިވާ ކަމަށްވެސް އޭނާ ހާމަކުރެއްވިއެވެ.
ފުރަތަމަ ފިޔަވަހީގެ ދަށުން އޭޓީއެމް ބަހައްޓަން ނިންމާފައިވާ ރަށްތައް:
- ހއ. އުތީމު
- ހދ. ނޮޅިވަރަންފަރު
- ރ. އިންނަމާދޫ
- ބ. ކިހާދޫ
- ދ. ހުޅުދެލި
- ލ. މާބަައިދޫ
- ހއ. މުރައިދޫ
- ށ. ކަނޑިތީމް
- ބ. ގޮއިދޫ
- ބ. ކެންދޫ
- ތ. ގާދިއްފުށި
- ގއ. ކަނޑުހުޅުދޫ
- ހދ. ނޮޅިވަރަމް
- ށ. މަރޮށި
- ބ. ފުޅަދޫ
- އދ. މަންދޫ
- ލ. ކަލައިދޫ
ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އޭޓީއެމް ބެހެއްޓުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

