އިގުތިސާދު ހަމަ މަގަށް އެޅުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ހެޔޮ ބަދަލުތައް މިހާރު ފެންނަން ފަށާފައިވާކަމަށް އިގުތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ވަޒީރު ސައީދު މިހެން ވިދާޅުވީ މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް ހިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ. މި ރަސްމިއްޔާތުގައި ވަޒީރު ސައީދު ވިދާޅުވީ ނިމުނު ސަރުކާރުން ރާއްޖޭގެ އާމްދަނީއަށް އިތުރުވާނެ އޮށްޓަރުހުރި އެއްވެސް އެސެޓެއް ގާއިމު ކޮށްފައި ނުވާއިރު، ބޮޑު ދަރަންޏަކާއި ފެއިލްވެފައި އޮތް މާލީ ނިޒާމަކާއި މޮނިޓަރީ ނިޒާމެއް މި ސަރުކާރަށް ވާރުތަވިކަމަށެވެ.
މި ސަރުކާރަށް މިވީ މުއްދަތުގައި ބޮޑެތި އުސް އިމާރާތްތަކެއް އަދި ލޮލަށް ފެންނަން ނެތް ނަމަވެސް އިގުތިސާދު ހަމަމަގަށް އެޅުވުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އޭގެ ތެރޭގައި 5 އަހަރެއްގައި ކެބިނެޓު ޖަލްސާތައް ނުބާއްވާ އަދަދަކަށް މި ފާއިތުވީ 52 ހަފްތާގެ ތެރޭގައި ޖަލްސާތައް ބާއްވާފައިވާކަމަށާއި، 100 އަށްވުރެ ގިނަ އިކޮނޮމިކް ކައުންސިލްގެ ބައްދަލުވުންތައް ބޭއްވިފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ މި މަސައްކަތްތަކާއެކު މާލީ ދާއިރާއިން ކުރިއެރުންތައް އަންނަމުންދާ މަންޒަރު މިހާރު ފެންނަމުންދާ ކަމަށެވެ. އަދި ވިޔަފާރިތަކަށް ހުރި ހުރަސްތައް ނައްތާލުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށާއި، އަންނަ އަހަރުތެރޭ ޕޭޕަލްފަދަ ޚިދުމަތްތައް އަންނާނެ ކަމަށް ވަޒީރު ސައީދު ވިދާޅުވިއެވެ.
އަންނަ އަހަރަކީ ބޯހިޔާވަހިކަމުގެ ރަން ޒަމާނަކަށް ވެގެންދާނެ ކަމަށާއި، ގިނަ މަޝްރޫއުތަކެއް ފެށި ރާއްޖޭގައި ވިޔަފާރީގެ ދާއިރާއިން ގިނަ ކުރިއެރުންތަކެއް އަންނަ އަހަރުތެރޭ އަންނާނެ ކަމަށްވެސް ވަޒީރު ސައީދު ވިދާޅުވިއެވެ.

