މާލޭގެ ހެންވޭރު ސަރަހައްދުގައި ހިންގަމުންދިޔަ ސްޕާއެއް ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކޮށް ފަސް މީހަކު ހައްޔަރު ކޮށްފިއެވެ. މި ފަސް މީހުން ހައްޔަރުކޮށްފައިވަނީ މިދިޔަ އަންގާރަ ދުވަހު ހެންވޭރު ގެއެއްގައި ހިންގަމުންދިޔަ “ސަރާ ސެލޫން އެންޑް ސްޕާ” ބަލައިފާސްކުރުމުގެ ތެރެއިންނެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސްއިން މިއަދު ދިން މަޢުލޫމާތުގައިވާ ގޮތުން، މި އޮޕަރޭޝަން ހިންގާފައިވަނީ އެ ތަނުގައި ހަށިވިއްކާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެންނެވެ. ހައްޔަރު ކުރެވުނު ފަސް މީހުންގެ ތެރޭގައި ހިމެނެނީ އެއް ދިވެހި ފިރިހެނަކާއި ތައިލެންޑުގެ ހަތަރު އަންހެނުންނެވެ.
- ހައްޔަރުކުރެވުނު މީހުންގެ ތެރޭގައި ހިމެނެނީ:
- ގއ. ކަނޑުހުޅުދޫ / ޕާކީޒާ، މުޙައްމަދު އިމްރާން (42 އަހަރު)
- ސަލިނީ ޔަމްޑީ (30 އަހަރު)
- ޗަޔަނިޓް ޕިލާ (30 އަހަރު)
- ވިލައިޕޯން ކޮޓްވޮންގް (24 އަހަރު)
- ތިޕްސުދާ ސަންގްހަމް (33 އަހަރު)
މި މައްސަލައާ ގުޅިގެން ހައްޔަރުކުރެވުނު ފަސް މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރެވުނެވެ. ކޯޓުން ނިންމީ ތިޕްސުދާ ސަންގްހަމް 15 ދުވަހަށް ބަންދުކުރުމަށާއި، އަނެއް ހަތަރު މީހުން ހަތް ދުވަހަށް ބަންދުކުރުމަށެވެ.
ފުލުހުން މިހާރު ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

