ތައުލީމު އުނގަންނައިދިނުމުގެ ދާއިރާއިން ކުރިއަށް ދިއުމުގެ މަގުސަދުގައި އޭލެވެލަށް ކިޔަވަން ފެށި 135 ދަރިވަރުންނަށް ސްކޮލާޝިޕްގެ ލިޔުން މިއަދު ހަވާލު ކޮށްފިއެވެ. މި ލިޔުންތައް ހަވާލުކުރެވުނީ މިއަދު ހެނދުނު އެމްއެންޔޫގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަދި އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާޢީލް ޝަފީއުގެ އިތުރުން އެހެނިހެން މިނިސްޓަރުންނާއި ދައުލަތުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ. ރައީސް މުއިއްޒު ވަނީ މި ޕްރޮގްރާމްގައި މި އަހަރު ބައިވެރިވި 135 ދަރިވަރުންގެ ތެރެއިން ކޮންމެ ސްކޫލަކުން އެއް ދަރިވަރަކަށް ސްކޮލަރޝިޕްގެ ލިޔުން ހަވާލުކޮށްދެއްވާފައެވެ.
މި ޕްރޮގްރާމަކީ 10 އަހަރުގެ ތެރޭގައި އެންމެ ގިނަ ޓީޗަރުން ތަމްރީނު ކުރުމަށް ކަނޑައަޅާފައިވާ ޚާއްސަ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި ބައިވެރިވެފައިވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގެ 21 ސްކޫލަކުން ދަރިވަރުންނެވެ. މީގެ ތެރޭގައި އިހަވަންދޫ ސްކޫލު، ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލު، މިލަންދޫ ސްކޫލު، އަދި އައްޑޫ ހައި ސްކޫލު ފަދަ ސްކޫލުތައް ހިމެނެއެވެ.
މި ޕްރޮގްރާމްގެ ދަށުން، ގްރޭޑް 11 ގައި އޭލެވެލަށް ކިޔަވަން ފަށާ ދަރިވަރުންގެ ތެރެއިން ޓީޗަރަކަށް ވުމަށް ޝައުގުވެރިވާ ދަރިވަރުން އޭލެވެލް ނިންމުމަށްފަހު، ޓީޗިން ފައުންޑޭޝަން އަދި ޓީޗިން ޑިގްރީ ޕްރޮގްރާމް ފުރިހަމަކުރާނެއެވެ. އަދި މި ޕްރޮގްރާމްގައި ބައިވެރިވާ ކޮންމެ ދަރިވަރަކަށް މަހަކު 1,500 ރުފިޔާ ދިނުމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ނިންމާފައެވެ.
މި ޕްރޮގްރާމަކީ ރާއްޖޭގެ ތައުލީމީ ދާއިރާއަށް ބޭނުންވާ ފެންވަރު ރަނގަޅު ޓީޗަރުން އުފެއްދުމަށް އަމާޒުކޮށްގެން ފަށާފައިވާ މުހިންމު މަސައްކަތެއް ކަމުގައި ބެލެވެއެވެ.

