ކައިވެނީގެ ރަނުގެ ގޮތުގައި 85،000 ރުފިޔާ ނުދައްކައިގެން އާއިލާއާ ބެހޭ ކޯޓުން އެންމެފަހުން އެ ރަން ދެއްކުމަށް ފިރިހެން މީހާގެ މައްޗަށް ހުކުމްކޮށްފިއެވެ.
ފެމިލީ ކޯޓުން މިދިޔަ މަހު ކުރި ހުކުމުގައިވާ ގޮތުން، މި މައްސަލައިގައި ހިމެނޭ ދެމަފިރިން ކައިވެނިކޮށްފައިވަނީ 2021 ވަނަ އަހަރުގެ ޖޫން މަހުގެ 2 ވަނަ ދުވަހުއެވެ. އަދި ދެމީހުން ވަރިވެފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ 19 ވަނަ ދުވަހުއެވެ.
ކައިވެނީގެ ރަނަށްވާ ފައިސާ ނުދައްކައިގެން އަންހެންމީހާ ފެމިލީ ކޯޓަށް ހުށަހެޅި މައްސަލައިގައި، އަންހެންމީހާ ދީފައިވާ ބަޔާނުގައި ބުނެފައިވަނީ، ރަން ކިޔުމަށްފަހު އިނދެގެން އުޅުނު ދުވަސްތަކުގައި ރަން ދީފައި ނުވާއިރު، އެއްވެސް ހަރަދެއްވެސް ކޮށްފައި ނުވާ ކަމަށެވެ. އަންހެންމީހާ ވަނީ ކައިވެނީގެ ރަނަށްވާ 85،000 ރުފިޔާ އެއްފަހަރާ ހޯދުމަށް އެދިފައެވެ. އޭނާ ބުނެފައިވަނީ ރަނަށް އެދިފައިވާ އަދަދު އެއްފަހަރާ ދޭން އުނދަގޫ ނުވާނެ ކަމަށާއި، އޭނާގެ މަންމަގެ ގޭގެ އެޕާޓްމަންޓުތައް ކުއްޔަށްދީގެން ފައިސާ ލިބޭނެ ކަމަށެވެ.
އެހެންނަމަވެސް، މައްސަލަ ރައްދުވާ ފިރިހެނާ ކޯޓުގައި ވަނީ އެ ފައިސާއަކީ އެއްފަހަރާ ދެއްކޭނެ އަދަދަކަށް ނުވާތީ، ކޮންމެ މަހަކު ވަކި އަދަދެއް ކޯޓު މެދުވެރިކޮށް ދެއްކުމުގެ ފުރުސަތަށް އެދިފައެވެ. މިކަމަށް އަންހެންމީހާގެ ފަރާތުން އިއުތިރާޒު ނުކުރުމާ ގުޅިގެން، ކޯޓުން ވަނީ އެންމެފަހުން ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުން ފެށިގެން ކޮންމެ މަހަކު 8،500 ރުފިޔާގެ މަގުން ފެމން ފެމިލީ ކޯޓަށް ދައްކައި، 10 މަސްދުވަހުގެ ތެރޭގައި ރަނުގެ ފައިސާއަށްވާ 85،000 ރުފިޔާ ދައްކައި ހަލާސްކުރުމަށް އަމުރުކޮށްފައެވެ.

