ހެނދުނު ހޭލުމަށްފަހު ބޭޑް ކޮފީއެއް ބޯލުމަކީ ވަރަށް ގިނަމީހުންގެ އާދައެކެވެ. އާންމުކޮށް ބެޑް ކޮފީ ބޮއެ އުޅެނީ ފިރިހެނުން ކަމަށްވިޔަސް އަންހެނުންވެސް ބެޑް ކޮފީ ބޮއެ އުޅެއެވެ. ހެނދުނު ކޮފީއެއް ބޯލުމަކީ މީހާ ވަރަށްބޮޑަށް ތާޒާ ކޮށްލާކަމެކެވެ. އެގޮތުން ދުވަހުގެ މަސައްކަތުގަ ހަރަކާތްތެރި ކުރުވާ އެކްޓިވްވެއެވެ.
ބައެއް މައުލޫމާތުން އެނގޭގޮތުގަ ކޮފީ ބުއިމުން ފެޓް އަންދާލައެވެ. ލޭހޮޅިތައް ސާފްކޮށްދިނުމާއި ސެލްތައް ރައްކާތެރިކޮށްދީ، ހަކުރު ބައްޔާއި ލިވާގެ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަކޮށްދޭ އެއްޗެއްގެ ގޮތުގައިވެސް ކޮފީ ހިމެނޭ ކަމަށް ސިއްހީ މާހިރުން ފާހަގަކުރެއެވެ.
ކޮފީގައި ފައިދާތަކެއްހުރިކަމަށް ބުނެވޭއިރު މިއީމާގިނައިން ބޭނުންކުރާނަމަ ގެއްލުންވެސް ބޮޑު ބުއިމެކެވެ. އަދި ކޮފީ ތައްޔާރުކުރާއިރުވެސް އެއަށް މީރުކުރުމަށް ނުވަތަ ރަހަ ހެޔޮވަރުކުރުމަށް ބޭނުންކުރެވޭ ތަކެތީގެ ސަބަބުން އަސްލުއެއިން ލިބޭ ފައިދާ ނުލިބޭފަހަރުވެސް އާދެއެވެ.
އެގޮތުން ފޮނި ރަހައަށް ކަމުދާމީހުން ބައެއްފަހަރު ކޮފީ ބޭނުންކުރުމުގައި ކްރީމް ނުވަތަ ހަކުރު އަޅައެވެ. އޭގެ ސަބަބުން ކޮފީގެ ފައިދާ ކުޑަވެއެވެ. ކޮފީއަށް ހަކުރު އެޅުން މަދުކުރުން ނުވަތަ ދުރުހެލިވުމަށް އެންމެ ރަނގަޅީ އެއަށް އަޅަން ހާއްސަ ކްރީމްތަކުގެ ބަދަލުގައި ފެޓް ފްރީ ހިމެނޭ ބާވަތެއް އެޅުމެވެ. ކޮފީ ބޭނުންކުރާނަމަ މިފަދަ ބާވަތެއް ޚިޔާރުކުރަންޖެހެއެވެ. އަދި އެގޮތަށް ބޭނުންނުކުރާނަމަ އެއްވެސް ބާވަތެއްނާޅާ ބޭނުންކުރުން އަސްލު ކޮފީން ލިބިދޭ ފައިދާ މާބޮޑަށް ލިބޭނެއެވެ.
ނިކަން ފަތިހުހޭލާ ކޮފީއެއްގެ އަޖުމަބަލާލަމާ ހިނގާށެވެ. ދުވަހުގެ ފެށުމަށް ބަދަލުތަކެއް ނައިސްނުދާނެކަން ޔަގީނެވެ.

