ހިޔާވެހި ފައިނޭންސިންގ ޕްރޮގްރާމުގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ ލޯނުތަކާގުޅޭ އުސޫލުތައް އާންމުކޮށް، ލޯނަށް އެދި އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް، ގެދޮރު އިމާރާތްކުރުމަށް މާލީގޮތުން ދަތިތަކާ ކުރިމަތިވާ ފަރާތްތަކަށް ލުއި ގޮތްތަކެއް ހޯދައިދިނުމުގެ ގޮތުން، މުޅި ރާއްޖޭގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށް ހިޔާވެހި ފައިނޭންސިންގ ޕްރޮގްރާމް އިފުތިތާހުކުރީ މި މަހުގެ 5 ގައެވެ.
މި ޕްރޮގްރާމަކީ ރާއްޖޭގެ 3 ބޭންކަކާ ގުޅިގެން %5 ޕްރޮފިޓް ޕަސެންޓޭޖްގައި ދިނުމަށް ކަނޑައެޅިފައިވާ އިސްލާމިކް ފެސިލިޓީއެކެވެ. އެގޮތުން މި ޕްރޮގްރާމަށް ރާއްޖޭގެ އަތޮޅުތަކުން އެދި ހުށަހަޅާ ފަރާތްތަކަށް 1 މިލިއަން ރުފިޔާ (ރަށްވެހި ފައިނޭންސިންގ ސްކީމް) އާއި، މި ޕްރޮގްރާމަށް ކަނޑައަޅާފައިވާ އަރބަން ސެންޓަރތަކުން އެދި ހުށަހަޅާ ފަރާތްތަކަށް 3 މިލިއަން ރުފިޔާ (ސަހަރު ފައިނޭންސިންގ ސްކީމް) އާއި، މާލެއިން އެދި ހުށަހަޅާ ފަރާތްތަކަށް 6 މިލިއަން ރުފިޔާ (ފަހިމާލެ ފައިނޭންސިންގ ސްކީމް) އާއި ހަމައަށް މި ފެސިލިޓީން ފުރުސަތު ލިބިގެންދާނެއެވެ.
މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް މިއަދު ކުރި އިއުލާނެއްގައި ބުނީ މި ފެސިލިޓީތަކަށް އެޕްލިކޭޝަން ހުޅުވާލުމަށް ހަމަޖެހިފައިވަނީ ހިޔާވެހި ޕޯޓަލް (www.hiyaavehi.housing.gov.mv) މެދުވެރިކޮށް ކަމަށެވެ.
މި ސްކީމްތަކުގެ ދަށުން ފުރަތަމަ އެޕްލިކޭޝަން ހުޅުވާލުމަށް ރޭވިފައިވަނީ 6 މަސްދުވަހުގެ މުއްދަތަކަށެވެ. އެގޮތުން މިކަމަށް އެދޭ ފަރާތްތަކުން މިއަދުން ފެށިގެން އެޕްލިކޭޝަން ހުށަހަޅަމުން ގެންދިއުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.
ސްކީމްގެ އެޕްލިކޭޝަން ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 08 އޭޕްރީލް 2025 ވާ އަންގާރަ ދުވަހުގެ ރޭ 23:59 އެވެ.
މި ޕްރޮގުރާމާއި ގުޅިގެން އިތުރު މައުލޫމާތު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކުން ހިޔާވެހި ޕޯޓަލް މެދުވެރިކޮށް ސުވާލު ހުށަހަޅައިގެން ކުރިޔަށް ގެންދިއުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.
މި ސްކީމްތަކާ ގުޅޭ އުސޫލުތަށް ސަރުކާރުގެ ގެޒެޓްގައި ވަނީ އާންމުކޮށްފައެވެ.

