ތިނަދޫ ސިޓީގައި “ހަފުތާރެސް” ނަމުގައި ބޭއްވުމަށް ހަމަޖެހިފައިވާ ސެޝަންތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ސިޓީ ކައުންސިލްގެ އިދާރާއިން އިއްޔެ ކުރި އިއުލާނެއްގައި ބުނީ މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސްއިން “ހަފުތާރެސް” ނަމުގައި ތިނަދޫ ސިޓީގައި ސެޝަންތަކެއް ކުރިއަށްގެންދަން ނިންމާފައިވާ ކަމަށެވެ.
މި ސެޝަންތައް އޮންނާނީ މި މަހުގެ 11 ވަނަ ދުވަހުން ފެށިގެން 17 ވަނަ ދުވަހުގެ ނިޔަލަށެވެ.
ތިނަދޫ ސިޓީ ކައުންސިލުން ބުނީ މި ސެޝަންތަކުގައި 16 އަހަރާއި 35 އަހަރާ ދެމެދުގެ ފަރާތްތަކަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ.
މި ހަރަކާތުގެ އިތުރު މައުލޫމާތު އަދި ބައިވެރިވުމަށް ރަޖިސްޓްރީ ވެލެއްވުމަށް 7749240 އަށް ގުޅުއްވައި ރަޖިސްޓްރީ ކުރެއްވުމަށް ތިނަދޫ ސިޓީ ކައުންސިލުން ވަނީ އެދިފައެވެ.
ހަފުތާރެސް ހަރަކާތަކީ އާންމު ފަރުދުންނާއި ޒުވާނުންނާއި، އަންހެނުންނާއި، ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަށް ކުރިއަރުވައި، އެ ފަރާތްތަކުން ބާރުވެރިކުރުވުމުގެ މަގުސަދުގައި ސަރުކާރުން ކުރިޔަށްގެންދާ ހަރަކާތެކެވެ.
މީގެކުރިން މާލެ ސިޓީއާއި، އެހެން ހިސާބުތަކުގައި ވެސް މި ހަރަކާތް ބާއްވައިފައިވެއެވެ.

