“ޝޭޕިންގ ފިއުޗަރ ސްޓާސް” ގެ ނަމުގައި އޭޝިއަން ޓޭބަލް ޓެނިސް ޔޫނިއަން ހައިޕަރފޯމަންސް ކޮމިޝަނުން ޤަތަރުގެ ދޯހާގައި ލޯންޗް ކުރުމަށް ހަމަޖެހިފައިވާ ކޭމްޕްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ކުރި އިއުލާނެއްގައި ބުނީ ޑިސެމްބަރު 17 އިން 23 އަށް ޤަތަރުގެ ދޯހާގައި ލޯންޗް ކުރުމަށް ހަމަޖެހިފައިވާ މި ކޭމްޕްގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖޭގެ 17 އަހަރުން ދަށުގެ 2 އަންހެން އަދި 2 ފިރިހެން ކުޅުންތެރިންނަށް ލިބިފައިވާ ކަމަށެވެ.
އެގޮތުން މި ކޭމްޕްގައި ބައިވެރިވުމަށް ޝައުގުވެރިވާ ކުޅުންތެރިން ޝޯޓްލިސްޓް ވުމަށް ނަން ހުށަހެޅުމަށް ފުރުސަތު ހުޅުވާލައިފައިވާ ކަމަށް ޓޭބަލް ޓެނިސް އެސޯސިއޭޝަނުން ބުންޏެވެ.
ކޭމްޕްގައި ބައިވެރިވުމަށް ޝައުގުވެރިވާ 17 އަހަރުން ދަށުގެ ކުޅުންތެރިން އެ ކުޅުންތެރިއެއްގެ ވަނަވަރު ހިމެނޭހެން މި މަހުގެ 12 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00ގެ ކުރިން އެ އެސޯސިއޭޝަނަށް އީމެއިލް ކުރުމަށް ވަނީ އެދިފައެވެ.
ޓޭބަލް ޓެނިސް އެސޯސިއޭޝަނުން ބުނީ ބައިވެރިންގެ ޓްރޭނިންގ ފީ، އެކޮމަޑޭޝަން އަދި ކެއުމުގެ އިންތިޒާމް އާއި އިންޓަރނަލް ޓްރާންސްޕޯޓްގެ ކަންކަން ހަމަޖައްސާނީ އެ އެސޯސިއޭޝަނުން ކަމަށެވެ. ނަމަވެސް ދަތުރުގެ ދެކޮޅު ޓިކެޓްގެ ޚަރަދު ހަމަޖައްސަން ޖެހޭނީ އެ ކުޅުންތެރިން އަމިއްލައަށް ކަމަށެވެ.

