ތަމްރީން ދަތުރެއްގައި އިސްލާމިކް މިނިސްޓްރީގެ 22 އަންހެން މުވައްޒަފުން މިއަދު ސަޢޫދީއަށް ފުރާނެ ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.
އިސްލާމިކް މިނިސްޓްރީން އިއްޔެ ހާމަކޮށްފައިވާ ގޮތުގައި، މި ދަތުރުގައި ވުޒާރާގެ އެކި ސެކްޝަންތަކުގައި މަސައްކަތްކުރާ 22 މުވައްޒަފުން ބައިވެރިވާނެއެވެ.
މައްކާގެ ވަޤުފު މުއައްސަސާއިން އިންތިޒާމުކުރާ މި ދަތުރުގައި މުވައްޒަފުން އުމްރާކުރުމަަށް ވަނީ ހަމަޖެހިފައެވެ.
މީގެއިތުރުން އިލްމީ ދައުރާއަކާއި، މައްކާގެ ތާރީޚީ، ދީނީ އަދި އިޖުތިމާއީ އެކި މުއައްސަސާތަކަށް ޒިޔާރަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު އިއްޔެ ވަނީ ދަތުރުގެ ބައިވެރިންނާ ބައްދަލުކުރައްވާފައެވެ.
މި ބައްދަލުވުމުގައި މިނިސްޓަރު ވަނީ ބައިވެރިންނަށް ކާމިޔާބު ދަތުރަކަށް އެދިވަޑައިގެން، ދަތުރުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ.

