ޚިޔާނާތުގެ މައްސަލައެއްގައި ތުހުމަތުކުރެވޭ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕްރިޒަންސް މުޙައްމަދު އާސިފް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ވަޒީފާއިން އިއްޔެ ސަސްޕެންޑްކޮށްފިއެވެ.
މިދިޔަ ޖުލައި މަހުގައި ވަނީ ޕްރިޒަންސް ކްލަބުގެ އެކައުންޓުން އެހެން އެކައުންޓުތަކަކަށް 200,000 ރުފިޔާއަށްވުރެ ގިނަ ރުފިޔާ ޖަމާކުރިކަމަށް ބުނާ މައްސަލައެއް ފެންމަތިވެފައެވެ.
މި ޚިޔާނާތުގެ ފަހަތުގައި ހުންނެވީ ޕްރިޒަންސް ކްލަބުގެ ރައީސަކަށް ހުންނެވި އާސިފް ކަމަށް ބައެއް މުވައްޒަފުން ވަނީ ތުހުމަތުކޮށްފައެވެ.
އިއްޔެއިން ފެށިގެން އާސިފް ސަސްޕެންޑް ކުރިކަން އަންގައި މުވައްޒަފުންނަށް ފޮނުވި ލިޔުމުގައި ވަނީ ކަރެކްޝަންގެ އެޗްއާރްގެ ހުއްދަނެތި އާސިފް، އެ ސަރވިސްގެ އެއްވެސް އިމާރާތަކަށް ވަނުމަކީ މަނާކަމެއް ކަމަށެވެ.
މި އެންގުމާ ޚިލާފުވެއްޖެނަމަ ކަރެކްޝަންގެ އެޗްއާރަށް އެކަން އަންގައިދިނުމަށް ވަނީ އެދިފައެވެ.
މި މައްސަލަ ފެންމަތިވުމުން އާސިފް ވަނީ ކުލަބުގެ އެ އެކައުންޓަށް 70,000 ރުފިޔާ ޖަމާކޮށްފައެވެ. ނަމަވެސް އެއީ ކީއްވެ ޖަމާކުރި ފައިސާކަމެއް ނުބުނެއެވެ.
ކަރެކްޝަނުން އަންނަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.

