ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ހުޅުމާލެ ޕޮލިސް ގުޅިގެން ހިންގި އޮޕަރޭޝަނުގައި ހުޅުމާލެ ފޭސް 1 މަގުމަތިން ޕިކަޕެއް ހުއްޓުވައި އެ މީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު 48 ފުޅި ބަނގުރާ ފެނިފަވާތީ ތިން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މި މީހުން ހައްޔަރުކޮށްފައިވަނީ ނޮވެމްބަރު 7 ވަނަ ދުވަހު ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި ކަމަށާއި، މިއީ ބިދޭސީ ތިން މީހެއް ކަމަށެވެ.

ފުލުހުން ހައްޔަރު ކުރި މީހުން
މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ ބިކާރާ ކުމާރު، އިންޑިއާ (24އ)، އަކިލޭޝް ކުމާރު، އިންޑިއާ (27އ) އަދި އުމާކަންތު ޗޯދަރީ، ނޭޕާލް (35އ) އެވެ.
މި މައްސަލައާ ގުޅިގެން މި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ތިން މީހުން ވެސް 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން ކަމަށްވެސް ފުލުހުން ބުނެއެވެ.

