އެސްޓިއޯ ރޭޓުން ތެޔޮވިއްކުމަށް ސަރުކާރު ސިޔާސަތުގެ ދަށުން ޚިދުމަތް ފެށުމައްޓަކާ ވާންޖެހޭ ތައްޔާރީތައް ކުރިއަށްދާން ފަށައިފިއެވެ.
ފިޔޯރީ ކައުންސިލް ރައީސް ފައިޒަރު ރަޝީދު "ހުވަދޫ" އަށް ވިދާޅުވީ މަސްވެރިންނަށް އެސްޓިއޯ ރޭޓުން ތެޔޮދޫކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ފިޔޯރީ ބަނދަރު ސަރަހައްދުގައި ތެޔޮ ޝެޑެއް ގާއިމް ކުރުމައްޓަކާ ހޯދަންޖެހޭ ހުއްދަތައްވެސް ލިބިފައިވާ ކަމަށެވެ.
އެގޮތުން މިހުއްދަ ބުރާސްފަތި ދުވަހު ޑިފެންސް މިނިސްޓްރީ އިން އެފް.އެސް.އެމް އަށް ލިބިފައިވާކަމަށް ވެސް އެފް.އެސް.އެމް އިން ވަނީ މައުލޫމާތު ދީފަކަމަށްވެސް ފައިޒަރު ވިދާޅުވިއެވެ.
ފިޔޯރީ ބަނދަރު މަތިން އެފް.އެސް..އެމް އަށް ބިމެއް ކުއްޔަށް ދޫކޮށް އެގްރީމެންޓް ކުރެވުނީ 16 އޮގަސްޓް 2023 ގައިކަމަށާއި، ނަމަވެސް މިކަމަށް ހުއްދަ ލިބިފައިވަނީ އިއްޔެ ކަމަށް ފައިޒަރު ވިދާޅުވިއެވެ.

ފިޔޯރީ ތެޔޮ ޝެޑްގެ ޑިޒައިން
"މިހާރު ޑިފެންސް މިނިސްޓްރީގެ ހުއްދަ ލިބިފައި ވުމާއެކު އަޅުގަނޑުމެން އުންމީދު މިކުރަނީ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެކަމަށް. ތެޔޮޝެޑް ކޮންސެޕްޓް ޑިޒައިން މަސައްކަތްނިމި ޑިފެންސް މިނިސްޓްރީއިން ނަގަން ޖެހޭ ހުއްދަ ހޯދުމަށް ދާއިރާގެ މެންބަރު އަޝްރަފް ރަޝީދުގެ މަސައްކަތް ވަރަށް ބޮޑު. އަދި ތެޔޮ ޝެޑްގެ މަސައްކަތް އަވަސް ކުރުމައްޓަކާ ކެނޑިނޭޅި މެންބަރު އަޝްރަފް މިއަދާ ހަމައަށް ދަނީ މަސައްކަތް ކުރަމުން" ފައިޒަރު ވިދާޅުވިއެވެ.
ފައިޒަރު ވިދާޅުވީމިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދު ފުއްދުމައްޓަކާ އެމަނިކުފާނު އެކަމަށް އަހަމިއްޔަތުކަންދޭ މިންވަރު ކަމަށެވެ.
ކޮންމެ އަތޮޅަކުން އަސާސީ ރޭޓެއްގައި ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް، "ފިއުލު ސްޓޯރޭޖްތައް" ގާއިމްކުރުމުގެ މަޝްރޫޢު އިފްތިތާޙް ކޮށްދެއްވީ އިއްޔެއެވެ. ތެލަކީ އަސާސީ ޚިދުމަތެއްގެ ގޮތުގައި ކަނޑައަޅައި، ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ރަށެއްގަ އެސް.ޓީ.އޯ ރޭޓުގައި އާންމުރައްޔިތުންނަށް ޕެޓްރޯލާއި ޑީސަލް ލިބޭނެ ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފައެވެ.
އެސްޓިއޯއިން "ހުވަދޫ" އަށް ބުނީ ފިޔޯރީގަ ޝެޑެއް ގާއިމް ކުރުމަށް ނިންމާފަވާ ކަމަށެވެ. ކޯލްޑް ސްޓޯރޭޖް ފެސިލިޓީގެ މަސައްކަތްވެސް ނިމިގެންދާއިރު ޝެޑްގެ މަސައްކަތްވެސް ނިމިގެންދާ ކަމަށް ފައިޒަރުވެސް ވަނީ ވިދާޅުވެފައެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ މި މަޝްރޫޢުގެ ދަށުން ފެލިވަރާއި ކޫއްޑޫގައިވެސް ތެޔޮ ރައްކާކުރާނެ ޒަމާނީ ތަންތަން ގާއިމުކުރާނެ ކަމަށެވެ. މިއީ މަސްވެރިންނަށް ފަސޭހައިން ތެޔޮ ފޯރުކޮށްދިނުމުގެ އިންތިޒާމުގެ ދަށުން ކުރިއަށްދާ މަޝްރޫއެއް ކަމަށްވެސް ވަނީ ބުނެފައެވެ.

