ޖަމާއަތް ހަދައިގެން ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސަލައެއްގައި ހައްޔަރުކޮށްފައިވާ 4 ފިރިހެނަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ 21 އަހަރުގެ ދެ މީހަކާއި، 22 އަހަރުގެ މީހަކާއި، 23 އަހަރުގެ މީހެކެވެ. މި އެންމެންނަކީ ވެސް ދިވެހިންނެވެ.
ތަހުގީގު މަރުހަލާއާއި، ޝަރީއަތުގެ މަރުހަލާ ނިމެންދެން އެ ހަތަރު މީހުން ބަންދުކުރަން އަމުރުކޮށް ކްރިމިނަލް ކޯޓުން އިއްޔެ ނެރުނު އަމުރުތައް އެ ކޯޓުން މިއަދު ވަނީ އާންމުކޮށްފައެވެ.
ކޯޓު އަމުރުތަކުގައި ބުނެފައިވަނީ މި އެންމެން ވެސް ހައްޔަރުކޮށްފައިވަނީ މާލޭ އޭރިއާއިން ބޭރުން ކަމަށާއި، އަދި އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ފުރަތަމަ ހާޒިރުކޮށްފައިވަނީ އދ.މަހިބަދޫ މެޖިސްޓްރޭޓް ކޯޓަށް ކަމަށެވެ. މިހާރު އެ މީހުން ތިބީ ދޫނިދޫ ޖަލުގައި ކަމަށާއި، އިއްޔެ ކުރިއަށްގެންދިޔަ މަޖިލީހަކީ ފުރަތަމަ 24 ގަޑިއިރު ނިމުމަށްފަހު ބޭއްވި 2 ވަނަ ރިމާންޑު އަޑުއެހުންކަމަށް އަމުރުތަކުގައި ފާހަގަކޮށްފައިވެއެވެ.
މީގެއިތުރުން އަމުރުތަކުގައި ފާހަގަކޮށްފައިވާ ގޮޮތުގައި ކުށުގެ އަމަލު ހިންގުމުގައި 4 މީހުންގެ ސީދާ ބައިވެރިވުން އޮތް ކަމަށް ތުހުމަތުކުރެވެއެވެ. ނަމަވެސް މި ހާދިސާއާބެހޭ އިތުރު ތަފުސީލެއް ހާމަކޮށްފައެއް ނުވެއެވެ.

