ދިވެހިރާއްޖެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައެއްގައި ހައްޔަރުކުރި 65 އަހަރުގެ ދިވެހި ފިރިހެން މީހާގެ މައްޗަށް ދައުވާކުރަން އަންނަ ހަފުތާގައި ކްރިމިނަލް ކޯޓަށް ހުށަހަޅާނެ ކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ މިދިޔަ ސެޕްޓެމްބަރުމަހު 16 ވަނަ ދުވަހު ސްރީލަންކަން އެއާލައިންްސްއިން ރާއްޖެ އައި، އައްޑޫ ސިޓީ ހިތަދޫ ވެހެތާނުގޭ ޢަބްދުﷲ ޞާދިޤެވެ.
އޭނާގެ ލަގެޖުން 270 ގްރާމް މަސްތުވާތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލާގައި މީގެކުރިން އޭނާގެ ބަންދުގެ މުއްދަތު ތިން ފަހަރެއްގެ މަތިން އިތުރުކޮށްފައިވެއެވެ. އެންމެ ފަހުން ދިން 15 ދުވަހުގެ މުއްދަތު ހަމަވުމާއެކު މިއަދު ވަނީ ކޯޓަށް ހާޒިރުކޮށްފައެވެ.
އިތުރު 20 ދުވަހަށް އޭނާ ބަންދުކުރުމަށް އަމުރުކޮށް، ނެެރުނު އަމުރުގައި ބުނެފައިވަނީ، މި މަހުގެ 14 ވަނަ ދުވަހު ޞާދިޤަށް ދައުވާކުރަން ކޯޓަށް ހުށަހަޅާނެ ކަމަށް ޕީޖީގެ ފަރާތުން ބުނެފައިވާ ކަމަށެވެ.
މީގެކުރިން ނެރުނު ކޯޓު އަމުރެއްގައިވާ ގޮތުން ތަހުގީގުގައި އޭނާއާ ސުވާލު ކުރުމުން ޖަވާބުދީފައިވަނީ އެކި ފަހަރު އެކި ގޮތަށެވެ.

