ޗައިނާގެ ޗެންގްދޫ މަގުތަކުގައި ވިއްކަން ފަށާފައިވާ ކާއެއްޗަކަށް އޭގެ އާދަޔާ ޚިލާފު ސިފައިގެ ސަބަބުން ސޯަޝަލް މީޑިއާގައި އާންމުންގެ ވަރަށް ބޮޑު ސަމާލުކަމެއް ލިބެމުންދެއެވެ. އެއީ އިންސާނުންގެ އިސްތަށި ޒާތަކަށް ފެންނަން ހުރި އެއްޗެކެވެ.
ފާ ޗާއި ނުވަތަ ފެޓް ޗޯއި އަކީ ކުރިއްސުރެ ޗައިނާގެ ކެއުމުގެ ބައެއްގެ ގޮތުގައި ބޭނުންކުރަމުން އަންނަ ހިއްކާފައި ހުންނަ ސައިނޯބެކްޓީރިއަމްގެ ބާވަތެކެވެ. މައިގަނޑު ގޮތެއްގައި މި ހެދެނީ ޗައިނާގެ ގަންސޫ، ޝާންޒީ، ޖިންގްހާއި، ޒިންޖިއާންގ އަދި އިނާރ މޮންގޯލިއާ ފަދަ ހަނަފަސް ސަރަހައްދުތަކުގައެވެ.

ފާ ޗާއި ހަދަނީ އެ ނެގުމަށްފަހު ވަގުތުން ވައިން ހިއްކައިގެންނެވެ. އޭގެ ކަޅު ކުލައާއި ހުންނަ ގޮތުގެ ސަބަބުން، އޭތި ވަނީ "ހެއަރ ވެޖެޓަބަލް" ގެ ނަމުންވެސް މަޝްހޫރު ވެފައެވެ. ފާ ޗާއި ނުވަތަ ސައިންޓިފިކް ނަމުން ނަމަ ނޮސްޓޮކް ފްލެޖެލިފޯމް އާންމުކޮށް ކައި އުޅެނީ ތަފާތު ސޫޕްތަކަށް އަޅައިގެންނެވެ. އަދި ޗައިނާގައި އައު އަހަރުގެ ރޭ ހެޔޮ ފާލެއްގެ ގޮތުގައި ކައި އުޅެއެވެ. ނަމަވެސް، ފަހަކަށް އައިސް މީތި ވައިރަލްވެފައިވަނީ އިންސާނުންގެ އިސްތައްޓާއި ވައްތަރުވުމުގެ ސަބަބުންނެވެ.
ފެޓް ޗޯއި އަށް "ހެއަރ ވެޖެޓަބަލް" ގެ ނަން ލިބިފައިވަނީ އެ ނުކައްކައި ހުންނަ އިރު ހުންނަ ގޮތުންނެވެ. އެ ހުންނަނީ ކަޅު އިސްތަށިގަނޑެއް ގޮތަށެވެ. ނަމަވެސް ފެނުގެ ތެރެއަށް ލުމުންނާއި ސޫޕެއްގެ ތެރެއަށް އެޅުމުން އެ ހުންނަނީ ކަޅު ކުލައިގެ ވަރމެޗެއްލީ ނޫޑްލްސް ފަދަ ގޮތަކަށެވެ.
އެހެންނަމަވެސް، ޗެންގްދޫގެ މަގުމަތީ ކާބޯތަކެތި ވިއްކާ ބައެއް މީހުން ފަހަކަށް އައިސް ފެޓް ޗޯއި އާ ގޮތަކަށް ތައްޔާރުކުރަން ފަށާފައިވެއެވެ. މީގެ ސަބަބުން އެ ފެންނަން ހުންނަނީ އިންސާނުންގެ އިސްތަށި ފާޑަށެވެ.
މި މީހުން ފާ ޗާއި ތައްޔާރު ކުރަނީ އެ ބާބަކިއު ކުރުމަށްފަހު އޭގެ މައްޗަށް ހޮޓް ސޯސް އަޅައިގެންނެވެ. ފެންނަ ފެނުމުގައި އާދަޔާ ހިލާފު އެއްޗެއްގެ ގޮތުގައި ހުރި ކަމުގައި ވިޔަސް މި ކައިފައިވާ މީހުން ބުނާ ގޮތުގައި މިއީ ވަރަށް މީރު އެއްޗެކެވެ.

އިންސާނުންގެ އިސްތަށިގަނޑު ކަހަލަ އެއްޗެއް ކާލާ މަންޒަރު ވަރަށް ގިނަ މީހުންގެ ސަމާލުކަމަށް އައިސްފައިވާއިރު، މިއީ ޗައިނާގެ އެންމެ އާދަޔާހިލާފު ކެއުން ހެއްޔެވެ؟ ނުވަތަ މި މަޤާމު ލިބެނީ ފިހެފައި ހުންނަ އައިސްކިއުބަށް ނުވަތަ ހިލައަށް ހެއްޔެވެ؟

