އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން އަންހެން ވިޔަފާރިވެރިންނަށް ހާއްސަކޮށްގެން ތައާރަފުކޮށްފައިވާ "ފަށާ މަދަދު" ލޯނު ސްކީމުގެ ދަށުން 60 ފަރާތަކަށް ލޯނު ދޫކުރުމަށް ނިންމައިފިއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާގެ ހަފްތާ 14ގެ މަގުޗާޓުގެ ދަށުން ތައާރަފުކޮށްފައިވާ ލޯނު ސްކީމެކެވެ.
އެސްޑީއެފްސީން މައުލޫމާތު ދެއްވިގޮތުގައި، މި ސްކީމުގެ ދަށުން އެހީ ދިނުމަށް ހަމަޖެހިފައިވަނީ އާމްދަނީ ކަށަވަރު ނުވުމުގެ ސަބަބުން އާންމު ބޭންކިން ނިޒާމުން މާލީ އެހީ ނުލިބޭ އަންހެން ވިޔަފާރިވެރިންނަށެވެ. މި ސްކީމުގެ ދަށުން 6% އިންޓްރެސްޓް ރޭޓުގައި އަލަށް ވިޔަފާރި ފަށާ ފަރާތްތަކަށް 500,000 ރުފިޔާއާ ހަމައަށް މާލީ އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ.
ލޯނު ދޫކުރުމަށް ނިންމާފައިވާ 60 ފަރާތަށް ޖުމްލަ 14 މިލިއަން ރުފިޔާ ދޫކުރެވޭނެ ކަމަށް އެސްޑީއެފްސީން ހާމަކުރެއްވިއެވެ. އަދި ލޯނު ދޫކުރުމަށް ނިންމާފައިވާ ފަރާތްތަކުގެ ތެރޭގައި 16 އަތޮޅަކަށް ނިސްބަތްވާ ފަރާތްތައް ހިމެނޭކަން ފާހަގަކުރެއްވިއެވެ.
ލޯނު ލިބޭ ފަރާތްތަކަށް އަނބުރާ ފައިސާ ދެއްކުމަށް 12 މަސްދުވަހުގެ ގްރޭސް ޕީރިއަޑެއް ލިބޭނެއެވެ. އަދި 7 އަހަރު ދުވަހަށް ބަހާލައިގެން އަނބުރާ ފައިސާ ދެއްކޭނެ ކަމަށް އެސްޑީއެފްސީން ވިދާޅުވެފައިވެއެވެ.
ލޯނު ލިބުނު ފަރާތްތަކަށް ލިޔުން ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެސްޑީއެފްސީގެ މެނޭޖިންގ ޑިރެކްޓަރ އައިޝަތު ފިފްޝީން ވިދާޅުވީ، މި ސްކީމާއެކު އަންހެނުންނަށް ޚާއްސަކޮށްގެން އެސްޑީއެފްސީން ދޫކުރާ ލޯނުތަކުގެ އަދަދު ކުރީގެ އަހަރުތަކަށް ވުރެ އިތުރުވެގެންދާނެ ކަމަށެވެ. ފާއިތުވި އަހަރުތަކުގައި އަންހެނުންނަށް ދޫކުރި ލޯނު އެހީގެ އަދަދަކީ 26 އިންސައްތަ ކަމަށާއި، "ފަށާ މަދަދު" ލޯނާއެކު މި އަދަދު އިތުރުވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"ފަށާ މަދަދު" ލޯނު ސްކީމުގެ އިތުރުން "ފަށާ މަދަދު" ސްކީމެއްވެސް އެސްޑީއެފްސީން ތަޢާރަފްކޮށްފައިވެއެވެ. އަންހެނުންނަށް ޚާއްސަ 100 މިލިއަން ރުފިޔާގެ ލޯނު އަދި ލީސިންގ ސްކީމް ތަޢާރަފްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ހަފްތާ 14ގެ ވަޢުދުތަކުގެ ތެރޭގައިވެސް ހިމެނޭ ކަމެކެވެ.

