ރާއްޖޭގައި ހިންގާ އެންމެ ބޮޑު އިގުތިސާދީ މަޝްރޫއު ކަމަށްވާ “މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ” މަޝްރޫއުގެ ފްރޭމްވޯކް އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކުރެވުނީ މިއަދު ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގައެވެ.
މި އެއްބަސްވުމުގައި މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީޒޯންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޝިމާދު އިބްރާހިމްއެވެ. އަދި މަސައްކަތް ހަވާލުކުރެވުނު ކެޕިޓަލް އޭޝިއާ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް ކޮމާޝަލް އޮފިސަރއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މުޙައްމަދު ސައީދު ވިދާޅުވީ، ރައީސް ޑރ. މުއިއްޒުގެ އިގުތިސާދީ އެޖެންޑާގެ ދަށުން ހިންގޭ މި މަޝްރޫއަކީ ރާއްޖެ އިތުރު ދާއިރާތަކަކަށް ހުޅުވިގެންދާނެ ކަމެއް ކަމަށެވެ. އަދި ރައީސްގެ ތަރައްޤީގެ އެޖެންޑާ ބިނާވެފައިވަނީ ތިން މައިގަނޑު ކަމެއްގެ މައްޗަށް ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެއީ ފަތުރުވެރިކަމުގެ ޞިނާޢަތު އިތުރަށް ކުރިއަރުވައި ވަރުގަދަކުރުމާއި، ފައިނޭންޝިއަލް ޑިޖިޓަލް އިކޮނޮމީ އަދި މެރިޓައިމް އިކޮނޮމީއެވެ.
އިހަވަންދިއްޕޮޅުގައި ހިންގުމަށް ނިންމާފައިވާ މި މަޝްރޫއުގެ ބިން ހިއްކުމުގެ މަސައްކަތް ފެށިފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ ފަހުކޮޅުގައެވެ.

