ގެދޮރު އެޅުމަށް ދަތިވެފައިވާ ފަރާތްތަކަށް އަމާޒުކޮށްގެން ސަރުކާރުން ތަޢާރަފުކޮށްފައިވާ “ހިޔާވެހި ފައިނޭންސިން” ސްކީމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި ސްކީމަކީ ކުޑަ އިންޓްރެސްޓް ރޭޓެއްގައި ސަރުކާރުން ދޫކުރާ ލޯނު ސްކީމެކެވެ. މި ސްކީމްގެ ދަށުން، 5 އިންސައްތަ އިންޓްރެސްޓް ރޭޓުގައި 3 ބޭންކަކާ ގުޅިގެން ލޯނު ދޫކުރެވޭނެއެވެ. އަދި މި ސްކީމަކީ އިސްލާމިކް ޝަރީއާ އާ އެއްގޮތަށް ފަރުމާކުރެވިފައިވާ ސްކީމެއްކަން ވެސް ސަރުކާރުން ފާހަގަކޮށްފައިވެއެވެ.
ލޯނު ދޫކުރެވޭ މިންވަރަށް ބަލާއިރު، އަތޮޅުތަކަށް 1 މިލިއަން ރުފިޔާ، އަރބަން ސެންޓަރުތަކަށް 3 މިލިއަން ރުފިޔާ، އަދި މާލެ ސަރަޙައްދަށް 6 މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރެވޭނެއެވެ. އަދި މާލޭގައި ބެހެނިވެރިންނާއެކު 6-10 މިލިއަން ރުފިޔާއާ ހަމައަށް ލޯނު ނެގުމުގެ ފުރުސަތު ލިބިގެންދާނެކަމަށް ސަރުކާރުން މައުލޫމާތު ދީފައިވެއެވެ.
މި ސްކީމްގެ އުސޫލާއި އިތުރު މަޢުލޫމާތު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައިވާއިރު، މި ސްކީމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ މަޢުލޫމާތު ބެލުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
“ހިޔާވެހި ފައިނޭންސިން” ސްކީމަކީ ގެދޮރުވެރިކަމުގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން އެއް ފިޔަވަޅެވެ. މި ސްކީމްގެ ސަބަބުން ގިނަ ރައްޔިތުންނަށް އަމިއްލަ ގެދޮރު ގަތުމުގެ ނުވަތަ އެޅުމުގެ ފުރުޞަތު ލިބިގެންދާނެކަމަށް އުންމީދުކުރެވޭކަމަށް ސަރުކާރުން ބުނެފައިވެއެވެ.
އެ މިނިސްޓްރީން މިކަމަށް ހުޅުވައިލީ އަންނަ އަހަރުގެ އެޕްރީލް މަހުގެ 8 ވަނަ ދުވަހާ ހަމައަށެވެ. އަދި ސްކީމުން އެހީ ބޭނުންވާ ފަރާތް ތަކުން އެދެން ޖެހޭނީ ޕޯޓަލް މެދުވެރިކޮށެވެ.

