ދިވެހިރާއްޖޭގެ ތައުލީމަށް ހިދުމަތްކުރުމުގެ އެންމެ މަތިވެރި ޝަރަފު، ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެވެރިޔާ އަދި ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ ޗާންސެލާ ޑރ. މުހައްމަދު ޒާހިރު ހުސައިން އަށް އެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.
ރައީސް މި ނިންމެވުން ނިންމެވީ، ޑރ. ޒާހިރު ރާއްޖޭގެ ތައުލީމީ ތަރައްގީއަށާއި، ރާއްޖޭގައި ތައުލީމު ފުޅާކުރުމުގައިއާއި، ތައުލީމީ ރޮނގުން ރާއްޖޭގެ ރައްޔިތުން ހޭލުންތެރިކުރުމަށް ކޮށްދެއްވާފައިވާ ގިނަގުނަ ހިދުމަތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުންނެވެ.
މި ޝަރަފު ޑރ. ޒާހިރަށް އެރުވުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ 8:15 ގައި ދަރުބާރުގޭގައި ބޭއްވޭ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައެވެ. މި ޖަލްސާގައި މަތީ ދަރަޖަ ހޯދާ 40 ފަރާތަކަށް ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ އިނާމު ދެއްވުމަށްވެސް ހަމަޖެހިފައިވެއެވެ. މި އިނާމަށް ބޭފުޅުން ހޮވުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ހާއްސަ އިނާމާބެހޭ ކޮމިޓީންނެވެ.
މީގެ އިތުރުން، މި ޖަލްސާގައި ދައުލަތަށް ހިދުމަތްކުރުމުގެ އިނާމު 53 ބޭފުޅަކަށް ދެއްވުމަށްވެސް ހަމަޖެހިފައިވެއެވެ. މި އިނާމަށް ބޭފުޅުން ހޮވުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ޤައުމީ އިނާމާބެހޭ ކޮމިޓީންނެވެ.

