ޕޮޕްކޯން ކެއުމުން ހާލުދެރަވި ދެ އަހަރުގެ ކުއްޖަކު އެއާ އެމްބިއުލާންސްގައި މާލެ ގެނެސްފިއެވެ.
ކުޅުދުއްފުށި ސިޓީއިން މާލެ ގެނައި މިކުއްޖާއަކީ ށ. މާއުނގޫދޫއަށް ނިސްބަތްވާ ކުއްޖެކެވެ. އަދި މި ކުޑަކުއްޖާ ހާލުދެރަވެ، އެއާ އެމްބިއުލާންސްގައި މާލެ ގެނެސް، މިހާރު އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް ހުވަދޫ ނޫހަށް ވަނީ މަޢުލޫމާތު ލިބިފައެވެ.
މާއުނގޫދޫ އިން މައުލޫމާތު ދިން މީހަކު ކިޔައިދިން ގޮތުގައި އާއިލާއާއެކު އެކުއްޖާ ކުޅުދުއްފުށި ސިޓީއަށް ދިޔަތާ ދެދުވަހެއް ވެއްޖެއެވެ. އަދި މި ހާދިސާ ހިނގާފައިވަނީ އިއްޔެ ހަވީރު، ކުޅުދުއްފުށީގައި އެ ކުއްޖާ ކުޅެން އުޅުނު ވަގުތެއްގައި ކަމަށްވެސް އެމީހާ ވަނީ ބުނެފައެވެ.
ކުއްޖާ ކެއި ޕޮޕްކޯން ނޭވާހޮޅިއަށް ގޮސްފައިވާކަން އެނގުނީ، ކުއްޖާގެ ހާލަތު ދެރަވުމުންނެވެ. އެ ވަގުތު ކުއްޖާއަށް އެއްވެސް ގޯހެއް ވެދާނެ ކަމެއް އެނގިފައި ނުވާކަމަށްވެސް މަޢުލޫމާތު ލިބެއެވެ.
ކުއްޖާގެ ހާލަތު ސީރިއަސްވުމާ ގުޅިގެން، އެއާ އެމްބިއުލާންސްގައި މާލެއަށް ގެނެވުނެވެ. މިހާރު އެ ކުއްޖާއަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ.

