ބ. އޭދަފުށީ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއަށް ފާއިތުވި އަހަރުގެ ތެރޭގައި ވަނީ ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ލިބިފައިވާ ކަމަށާއި، ބަނދަރު ފުންކުރުމުގެ މަސައްކަތުގެ 94 އިންސައްތަ ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.
އެމްޓީސީސީން ބުނީ ބަނދަރު ޗެނަލްގެ ޑްރެޖިންގ 93 އިންސައްތަ ނިމިފައިވާއިރު، ކުއޭ ވޯލް ބްލޮކްތައް ހަރުކުރުމުގެ މަސައްކަތް ވަރަށް ރަނގަޅަށް ކުރިއަށްދާ ކަމަށެވެ. މި ހަލުވި ކުރިއެރުމަކީ މި ސަރުކާރުގެ ސާފު މިސްރާބާއި އަޒުމާއި އެއްބާރުލުން ދައްކުވައިދޭ ކަމެއް ކަމަށްވެސް ބުނެފައި ވެއެވެ.
މި ޕްރޮޖެކްޓް ސްކޯޕްގެ ދަށުން މިހާރު ހުރި ބަނދަރުން 28،304 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުމާއި، ބަނދަރު ޗެނަލަށް 3،354 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުމާއި، 402 މީޓަރުގެ ކުއޭ ވޯލް އެޅުމާއި، 170 މީޓަރުގެ ބްރޭކްވޯޓާ އެޅުމާއި، 383 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 11 ގުނަ 11 މީޓަރުގެ ކޮންކްރީޓް ރޭމްޕަކާއި، 182 މީޓަރުގެ ކޮންކްރީޓް ބްރިޖެއް އެޅުމާއި، 1،814 އަކަ މީޓަރުގެ ސަރަހައްދެއްގައި ބަނދަރު ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި ޖެހުމާއި، މޫރިން ބޮއި ހަރުކުރުމާއި، ހައި ސްޕީޑް ފެރީ ނެޓްވޯކަށް އެކްސެސް ޕްލެޓްފޯމެއް އެޅުން ހިމެނެއެވެ.
މި މަޝްރޫޢުގެ ޖުމްލަ އަގަކީ 64.67 މިލިއަން ރުފިޔާއެވެ.

