ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ޓަވަރު 9ގެ 20 ވަނަ ފަންގިފިލާގެ އެޕާޓްމަންޓެއްގައި މީހަކު ރަހީނުކުރި މައްސަލާގައި ހައްޔަރު ކުރި 12 މީހުންނަށް މުއްދަތު ޖަހައިފިއެވެ. މި މައްސަލަ ހިނގާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ގާތްގަނޑަކަށް 19:40 އާއި ދެމެދުއެވެ.
ފުލުހުންގެ އިންޓެލިޖެންސް މަޢުލޫމާތަކާ ގުޅިގެން އެ ތަނަށް ދިޔަ ފުލުހުންނަށް ފެނިފައިވަނީ ރަހީނުކުރެވުނު މީހާގެ އިނގިލި ބުރިކޮށްލަން ތައްޔާރުވަމުންދާ މަންޒަރެވެ. އަދި އޭރު އެ މީހާގެ ބޯވެސް ވަނީ މުޅިންހެން ބާލާފައެވެ.
ހައްޔަރު ކުރި 12 މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން، ކޯޓުގެ މުއްދަތުކޮމިޓީއިން މި މައްސަލާގައި ހައްޔަރުކުރި 12 މީހުންގެ ތެރެއިން ބައެއް މީހުންގެ ބަންދަށް 5 ދުވަހުގެ މުއްދަތު އަދި އަނެއްބައި މީހުންގެ ބަންދަށް 7 ދުވަހުގެ މުއްދަތު ވަނީ ދީފައެވެ
މި މައްސަލައާ ގުޅިގެން ދާޚިލީ ވަޒީރު އަލްފާޟިލް އަލީ އިހްސާން ވަނީ ހަރުކަށި އިންޒާރެއް ދެއްވާފައެވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ ސަރުކާރުން ބޯހިޔާވަހިކަމަށް ދޫކޮށްފައިވާ ފްލެޓްތަކުގައި މިފަދަ ކުށްތައް ހިންގާނަމަ، ޤާނޫނީ އިމުގެ ތެރެއިން އެފަދަ ތަންތަން ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭނެ ކަމަށެވެ.

