ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ޓަވަރު 9ގެ 20 ވަނަ ފަންގިފިލާގެ އެޕާޓްމަންޓެއްގައި މީހަކު ރަހީނުކުރި މައްސަލާގައި ހިމެނޭ މީހުންގެ ވަނަވަރު ފުލުހުން އާއްމުކޮށްފިއެވެ. މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ 7:40 ހާއިރު ހިނގި މި ހާދިސާއާ ގުޅިގެން ފުލުހުން ވަނީ 12 މީހަކު ހައްޔަރުކޮށްފައެވެ.
ފުލުހުން އާއްމުކުރި މަޢުލޫމާތުގައިވާ ގޮތުން، މި މައްސަލާގައި ހައްޔަރު ކުރި 12 މީހުންގެ ތެރެއިން 3 މީހެއްގެ ބަންދަށް ކްރިމިނަލް ކޯޓުން ޖަހާފައި ވަނީ 5 ދުވަހެވެ.
މި ތިން މީހުންނަކީ:
- އަލްމާން އަލީ ހާލިދު (22 އަހަރު)، ގދ. ވާދޫ / ވެހި
- މުހައްމަދު އިޒްކާން (18 އަހަރު)، މ. ހަތިކަނޑު
- އިޒާން އަހުމަދު (18 އަހަރު)، ކ. ގުރައިދޫ / ޒުނައިތުވިލާ

އަދި ބާކީ 9 މީހުންގެ ބަންދަށް ކޯޓުން ޖަހާފައި ވަނީ 7 ދުވަހުގެ މުއްދަތެކެވެ.
މި 9 މީހުންނަކީ:
- އަހުމަދު ޒާހިދު (36 އަހަރު)، ށ. ފޯކައިދޫ / ދަނބުރުމާގެ
- އާދަމް ހުސައިން (48 އަހަރު)، ލ. މާވަށް / ޖަމީލާ މަންޒިލް
- އިބްރާހީމް ނަޝީދު (34 އަހަރު)، ލ. އިސްދޫ / ހިޔަލީގުލްޝަން
- އަހުމަދު ސަމީހު (22 އަހަރު)، ބ. ގޮއިދޫ / ނައިޓްސްޓާރ
- އިސްމާއީލް ވިޝާމް މުޙައްމަދު (29 އަހަރު)، ވ. ގާމާ
- ވިޝާމް މުހައްމަދު (23 އަހަރު)، ގދ. ވާދޫ / ޗިކަންދާގެ
- ވިސާން މުހައްމަދު (30 އަހަރު)، ހުޅުމާލެ ހިޔާ 03-17-14
- މުޝްތާގު ޝާކިރު (37 އަހަރު)، ގދ. ވާދޫ / ޖަނަވަރީގެ
- ހަސަން ޣާލިބު (38 އަހަރު)، މ. ކޮޅުފުށި / އާރެސް
ފުލުހުން ބުނީ، ރަހީނުކުރެވުނު މީހާއަށް ޖިސްމާނީ ބޮޑު ގެއްލުމެއް ދިނުމުގެ ކުރިން އެމީހާ ސަލާމަތް ކުރެވިފައިވާ ކަމަށެވެ. އެހެންނަމަވެސް ފުލުހުންނަށް އެމީހާ ސަލާމަތް ކުރެވުނުއިރު އެމީހުން ވަނީ އެމީހާގެ ބޯ ބާލައިފައެެވެ. އަދި އެމީހާގެ އިނގިލި ބުރިކޮށްލަންވެ އެމީހުން މަސައްކަތް ކުރި ކަމަށާއި ފުލުހުންނަށް ދޮރު ވައްޓާލާފައި ވަދެވުނީ އެވަގުތު ކަމަށްވުމުން، އެއަނިޔާއިން އެމީހާ ސަލާމަތްވީ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

