ރާޅުތަކުގެ ބާރުގައި އިޔާދަކުރަނިވި ހަކަތަ އުފެއްދުމުގެ މަޝްރޫޢެއް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ފަށައިފިއެވެ. މި މަޝްރޫޢުގެ ދަށުން ރާއްޖޭގެ ފަޅުތަކުގެ ރާޅުތައް މޮނިޓަރކުރުމުގެ ޓެކްނޮލޮޖީ ބޭނުންކުރަން ފަށާފައިވާ ކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން ފަހުމީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވިއެވެ.
ފަހުމީ ވިދާޅުވި ގޮތުގައި މި މަޝްރޫޢަކީ ރާއްޖޭގައި އިޔާދަކުރަނިވި ހަކަތައިގެ މިންވަރު 33 އިންސައްތައަށް އިތުރުކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދު ފުއްދުމަށްޓަކައި އެޅިގެންދާނެ މުހިންމު ފިޔަވަޅެކެވެ. މި މަޝްރޫޢުގެ ދަށުން ރާއްޖޭގައި ރާޅުތަކުން ހަކަތަ އުފެއްދުމުގެ ފުރުޞަތު އޮތް މިންވަރު ދެނެގަތުމަށް ގިނަ މަޢުލޫމާތު އެއްކުރެވި، ދިރާސާކުރެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ރާޅުތަކުން ހަކަތަ އުފެއްދުމަކީ އިރުގެ އަލިން ހަކަތަ އުފެއްދުމާ ޚިލާފަށް މޫސުމުގެ ބަދަލުތަކުގެ ސަބަބުން ކުރާ އަސަރު ކުޑަކޮށް، އެއްވަރެއްގައި ދެމެހެއްޓެނިވި ގޮތެއްގައި ހަކަތަ އުފެއްދޭނެ ވަސީލަތެއްކަމަށް ފަހުމީ ފާހަގަކުރެއްވިއެވެ. މި ދިރާސާގެ ޒަރިއްޔާއިން ސްޓެލްކޯގެ އަމާޒަކީ ވޭވް އެނަރޖީގެ ސަބަބުން މިހާރު ހުރި އިއާދަކުރަނިވި ވަސީލަތްތައް ފުރިހަމަކުރެވިދާނެ ގޮތް ދެނެގަނެ، މިހާރަށްވުރެ ހަރުދަނާ އަދި އިތުބާރު ކުރެވޭ ހަކަތައިގެ ގްރިޑެއް އުފެއްދުމެވެ.
މި މަސައްކަތުގެ ސަބަބުން އިއާދަކުރަނިވި ހަކަތައިގެ އަމާޒަށް ވާޞިލުވުމަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ފަހުމީ ވިދާޅުވިއެވެ.

